ޚަބަރު

އިދާރީ މައްސަލައަކާއި ހުރެ ޕޮލެންޑްގެ 6 ފެތުންތެރިން އަނބުރާ ގައުމަށް ފޮނުވާލައިފި


އިދާރީ މައްސަލައަކާ ހުރެ ޕޮލެންޑްގެ ހަ ފެތުންތެރިއަކު ޖަޕާނުން އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ.

މިއަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޓޯކިޔޯ އޮލިމްޕިކްސްގައި ބައިވެރިވުމަށް ޕޮލެންޑްގެ ސްވިމިންގް ފެޑެރޭޝަނުން ޖަޕާނަށް ފޮނުވާފައިވަނީ 23 ފެތުންތެރިންނެވެ. ސްވިމިންގެ މައި އިދާރާ ފީނާއިން ޕޮލެންޑްގެ ފެޑަރޭޝަނަށް އަންގާފައިވަނީ ޓޯކިޔޯ އޮލިމްޕިކްސްގެ ސްވިމިންގެ ބައިގެ ކޮލިފައިންއަށް ޕޮލެންޑަށް ދީފައިވަނީ 17 ޖާގަ ކަމަށްވާތީ 17 ފެތުންތެރިން ފޮނުވުމަށެވެ. ނަމަވެސް ޕޮލެންޑްގެ ސްވިމިންގެ ފެޑަރޭޝަނުންވަނީ ވީހާވެސް ގިނަ ފެތުންތެރިން ބައިވެރިކުރުމުގެ މަޤްސަދުގައި 23 ފެތުންތެރިން ޓޯކިޔޯ އޮލިމްޕިކްސްގައި ބައިވެރިކުރުމަށް ފޮނުވާފައެވެ.

މިކަމާއި ގުޅިގެން ޕޮލެންޑްގެ ސްވިމިން ފެޑަރޭޝަންގެ ރައީސް ޕަވެލްވަނީ މައާފަށްވެސް އެދިފައެވެ. ޕަވެލް ވިދާޅުވީ ގިނަ ފެތުންތެރިން ޖަޕާނަށް ފޮނުވީ ވީހާވެސްގިނަ ފެތުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށާއި މިއީ ފެޑަރޭޝަނަށް ހެދުނު ވަރަށް ބޮޑު ގޯހެއްކަމަށެވެ. އަދި އަނބުރާ ގައުމަށް އައި ފެތުންތެރިންގެ ހިތްހަމަ ނުޖެހުން ބަލައިގަންނަކަމާއި މިއީ ކުރެވިގެންވާނެކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖަޕާނުން އަނބުރާ ޕޮލެންޑަށް ފޮނުވާލި ބައެއް ފެތުންތެރިންގެ ތެރޭގައި މިފަހަރުގެ ޓޯކިޔޯ އޮލިމްޕިކްސްގައި ރަން މެޑަލް ހޯދާނެ ކަމަށް ބެލެވޭ ފެތުންތެރިންވެސް ހިމެނެއެވެ. އޭގެ ތެރޭގައި 2012 އާއި 2016ވަނަ އަހަރުގެ ގޭމްސްގައި ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާ ފެތުންތެރިންވެސް ހިމެނެއެވެ. މީގެ ތެރެއިން އެއް ފެތުންތެރިއަކު ބުނީ މިއީ އެއް ދުވަސް ނުވަތަ އެއް ހަފްތާގެ މަސައްކަތެއް ނޫންކަމަށާއި ދިރިއުޅުމުގެ ވަރަށް ގިނަ ކަންތައްތައް ގުރުބާން ކުރުމަށްފަހު ފަސް އަހަރު ވަންދެން މިމުބާރާތަށް ތައްޔާރުވާން ކުރި މަސައްކަތް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެނަށް ގޮސްފިކަމަށާއި މިއީ ވަރަށް ދެރަ ކަމެއްކަށެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އިވެންޓުން ފޮނުވާލުމަކީ ދުވަހަކުވެސް ހަނދާނުން ނައްތާލެވޭނެ ދުވަހެއް ނޫންކަމަށްވެސް ފެތުންތެރިއަކު ބުންޏެވެ. އަދި މިކަމުގެ ޒިންމާ ސްވިމިން ފެޑަރޭޝަންގެ ބޯޑު މެންބަރުން ނަގަން ޖެހޭނެކަމަށްވެސް މި ފެތުންތެރިން ބުނެފައިވެއެވެ.