ޚަބަރު

އޭއެފްސީ ކަޕަށް ތައްޔާރުވުމަށް މާޒިޔާއިން ސައުދީގައި ކޭމްޕް ކުރަނީ


އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ލީގް ޗެމްޕިއަން އަދި އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދާފައިވާ މާޒިޔާއިން ސައުދީ އަރަބިއްޔާގައި ޓްރެއިނިންގް ކޭމްޕް ކުރަން ހަމަޖެހިއްޖެއެވެ. މާޒިޔާއިން ބުނީ މިއީ އެފްއޭއެމްއާއި ސައުދީ އަރަބިއްޔާގެ އެފްއޭއާއެކު ކުރި މަޝްވަރާއެއްގެ މަތިން ހަމަޖެހިގެންދިޔަ ފުރުސަތެއްކަމަށެވެ.

މާޒިޔާއިން ސައުދީގައި ކޭމްޕް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މިއަންނަ މަހު ރާއްޖޭގަައި ކުޅުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕްގެ މެޗްތަކަށް ތައްޔާރުވުމެވެ. އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕް، ގުރޫޕް ޑީގެ މެޗްތައް ރާއްޖޭގައި ބޭއްވުމަށް އޭއެފްސީންވަނީ ނިންމާފައެވެ. ރާއްޖެއިން މިބިޑް ކާމިޔާބުކޮށްފައިވަނީ ބަންގްލަދޭޝްއާއި ވާދަކޮށެވެ.

އޭއެފްސީ ކަޕަށް މާޒިޔާއިން ޓީމް ވަރުގަދަ ކުރަމުންދާއިރު، މާޒިޔާއިން ސައުދީއަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. މާޒިޔާއިން ބުނީ މިކޭމްޕްގައި ރަހުމަތްތެރިކަމުގެ މެޗްތަކެއް ކުޅެވޭތޯ އެފްއޭއެމްއިން މަސައްކަތް ކުރަމުންދާކަމަށާއި އުއްމީދަކީ މެޗްތަކެއް ކުޅެވޭނެ ގޮތެއްވުންކަމަށެވެ. މިކޭމްޕް ނިންމާލުމަށްފަހު މާޒިޔާއިން މާލެ އައުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 14ވަނަ ދުވަހުއެވެ.

އޭއެފްސީ ކަޕަށް ތައްޔާރުވުމަށް މާޒިޔާއިން މިހާރު ތަމްރީންތައް ފަށާފައިވާއިރު އެޓީމުންވަނީ ޓީމް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މާޒިޔާއިންވަނީ ސަސްއަށް ކުޅެމުންދިޔަ އުޒްބެކިސްތާންގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް އެޓީމަށް ގެންގޮސްފައެވެ.

އޭއެފްސީން ނެރުނު ބަޔާނުގައިވާ ގޮތުން މިއަންނަ މަހުގެ 15ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ޕްލޭއޯފްގައި ރާއްޖޭގެ ކުލަބު އީގަލްސްއާއި އިންޑިޔާގެ ބެންގަލޫރު އެފްސީ ވާދަކުރާ މެޗެވެ. އަދި ގުރޫޕް ސްޓޭޖްގެ މެޗްތައް ކުޅުމަށް ތާވަލްކޮށްފައިވަނީ މިއަންނަ މަހުގެ 18، 21 އަދި 24ގައެވެ. ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕްގައި މިވަގުތު އޮތީ ރާއްޖޭގެ މާޒިޔާއާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އާއި އިންޑިޔާގެ އޭޓީކޭ މޯހަން ބަގާންއެވެ. މިގުރޫޕްގެ ފަހު ޖާގަ ލިބޭނީ ޕްލޭއޯފްގައި ކުލަބް އީގަލްސްއާއި ބެންގަލޫރު އެފްސީ ވާދަކޮށް މޮޅުވާ ޓީމަކަށެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ޑީގައި މާޒިޔާއިން ކުޅޭ ފުރަތަމަ މެޗްގައި އެޓީމް ނިކުންނާނީ މިމަހުގެ 18ވަނަ ދުވަހު ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއާއި ދެކޮޅަށެވެ. ދެ ވަނަ މެޗުގައި އަންނަ މަހުގެ 21 ވަނަ ދުވަހު މާޒިޔާ ވާދަކުރާނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއާއެވެ. އަދި ގުރޫޕް ސްޓޭޖްގެ ފަހު މެޗްގައި އެޓީމް ވާދަކުރަންޖެހޭނީ އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި އީގަލްސް އާއި ބެންގަލޫރު އެފްސީ ކުޅެގެން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

މިއީ މާޒިޔާއިން ސައުދީ އަރަބިއްޔާގައި ކޭމްޕް ކުރާ ދެވަނަ ފަހަރެވެ. 2019ވަނަ އަހަރު އެފްއޭއެމްއިން ހޯދައިދިން ފުރުސަތެއްގައިވެސް މާޒިޔާއިންވަނީ ސައުދީގައި ކޭމްޕްކޮށްފައެވެ.