ވިޔަފާރި

ދެކުނު ކޮރެއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ކެމްޕެއިނެއް


ދެކުނު ކޮރެއާ މާކެޓަށް އަމާޒުކޮށް ރާއްޖެ އަކީ ހަނީމޫން ހޭދަކުރަން މަގުބޫލް އަދި ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ޕާމް ޓުއަރ އާއި ގުޅިގެން ކެމްޕެއިނެއް ފަށައިފިއެވެ.

މި ކެމްޕެއިންގެ ދަށުން އޮންލައިންކޮށް ހިންގާ ހަރަކާތްތަކުގެ އިތުރުން އަމަލީ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިޔުމަށްވަނީ ރާވާފައެވެ. އަމަލީ ހަރަކާތުގެ ދަށުން ހަނިމޫން އިވެންޓެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މަގުބޫލް ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް އިޝްތިހާރު ކުރުމަށްވަނީ ހަމަޖެހިފައެވެ.

ޕާމް ޓުއަރ އަކީ ދެކުނު ކޮރެއާގެ އެންމެ މަގުބޫލް އެއް ޓްރެވެލް އޭޖެންސީ އެވެ. މި ކުންފުންޏަކީ ދިވެހިރާއްޖޭގެ އެކި ހަނީ ހަނީމޫން ޕެކޭޖްތަކާއި ޕްރޮޑަކްޓްތައް ވިއްކުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ. ޕާމް ޓުއާރސްއާއި ގުޅިގެން އެމްއެމްޕީއާރުސީން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޮންލައިން ހަރަކާތްތަކުގެ ދަށުން ޕާމް ޓުއަރ ވެބްސައިޓްގެ އެންމެ ބޮޑު ބެނަރގައި ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށްވަނީ ހަމަޖެހިފައެވެ.

އަދި މި ބެނަރ މެދުވެރިކޮށް ދެކުނު ކޮރެއާގައި ބޭނުންކުރާ އެމްއެމްޕީއާރުސީގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް ލިންކް ކުރެވިގެންދާނެއެވެ.

އޮންލައިން ޕްރޮމޯޝަންތަކުގެ އިތުރުން 21 އޮގަސްޓް އިން 22 އޮގަސްޓް 2021 ގެ ނިޔަލަށް ކުރިއަށް ގެންދާ ހަނީމޫން އިވެންޓްގައި ޕާމް ޓުއަރސްއިން ދިވެހިރާއްޖެއަކީ އެންމެ މަގުބޫލް ހަނީމޫން ޑެސްޓިނޭޝަންގެ ގޮތުގައި އިޝްތިހާރުކޮށް ރާއްޖޭގެ ހަނީމޫން ޕްރޮޓެކްޓް ތަކާއި ތަޖުރިބާތައް އިޝްތިހާރުކުރާނެ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ. މިއިވެންޓް މެދުވެރިކޮށް ރާއްޖެއަށް 80އަށް ވުރެން ގިނަ ބުކިން ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދެކުނު ކޮރެއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. 2019ވަނަ އަހަރު ދެކުނު ކޮރެއާއިން ރާއްޖެއަށް 36609 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މި މާކެޓުވެގެން ދިޔައީ 12ވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.