ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރުމަށްފަހު ތަށްޓާއެކު އާޖެންޓީނާގެ ލިއޮނަލް މެސީ އިންސްޓަގްރާމަށް ލީ ފޮޓޯއަށް ރެކޯޑެއް ލިބިއްޖެއެވެ. މިހާރު އެ ފޮޓޯ އަށް 20.2 މިލިއަން ލައިކްވަނީ ލިބިފައެވެ.
މީގެ ކުރިން މި ރެކޯޑް އޮތީ މެސީއާ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައެވެ. ޑިއެގޯ މަރަޑޯނާ މަރުވުމާ ގުޅިގެން މަރަޑޯނާގެ ހަނދާނުގައި ރޮނާލްޑޯ އިންސްޓަގްރާމަށް ލީ ފޮޓޯއަށް 19.8 މިލިއަން ލައިކް ލިބުނެވެ. ނަމަވެސް މެސީ މިވަނީ މިފަހަރު ވާދަވެރި ރޮނާލްޑޯ ފަހަތަށް ޖައްސާލާފައެވެ. މެސީގެ ފޮޓޯ ވެގެންގޮސްފައިވަނީ އިންސްޓަގްރާމްގެ ތާރީޚުގައި އެތުލީޓަކު އިންސްޓަގްރާމަށް ލީ ފޮޓޯތަކުގެ ތެރެއިން އެންމެ ގިނަ ލައިކް ލިބުނު ފޮޓޯއަށެވެ.
ތަށްޓާއެކު އެކި ގޮތްގޮތަށް މެސީ ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމެއްގައި ވަނީ ވައިރަލްވެފައެވެ. އިންސްޓަގްރާމް ޕޯސްޓަކުން މެސީ ރެކޯޑް ހެދިއިރު މެސީގެ ފޮލޯވާސްގެ އަދަދު 233 މިލިއަނުގައި އުޅޭއިރު ރޮނާލްޑޯ ފޮލޯކުރާ މީހުންގެ އަދަދު އުޅެނީ 315 މިލިއަނުގައެވެ.
މިފަހަރުގެ ކޮޕާ އެމެރިކާ މުބާރާތަކީ ސީނިއަރ ޤައުމީ ފުޓުބޯޅަ ޓީމާއެކު ބައިނަލްއަގްވާމީ މައިދާނުގައި މެސީ އަށް ލިބުނު ފުރަތަމަ ބޮޑު ކާމިޔާބީއެވެ. މުބާރާތުގައި މެސީ ވަނީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.