ޚަބަރު

ލަންކާ އެއަރޕޯޓުގައި ދިވެހިން އިތުރަށް ޗެކްކުރުން ހުއްޓާލައިފި


ސްރީލަންކާއަށް ދަތުރުކުރާ ދިވެހިން، އެއަރޕޯޓުގައި ދެން އިތުރަށް ޗެކް ކުރަމުން ނުދާނެކަމަށް ސްރީލަންކާގެ ކަސްޓަމްސް އިން ބުނެފިއެވެ.ސްރީލަންކާގެ ކަސްޓަމްސްއިން މިކަން ހާމަކޮށްފައިވަނީ، ސްރީ ލަންކާ އަށް ދަތުރުކުރާ ދިވެހިން ލަންކާ އެއަރޕޯޓްގައި އިތުރަށް ޗެކްކުރަމުންދާތީ އެކަމަށް ހައްލެއް ހޯއްދެވުމުގެ ގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުޙައްމަދު ޖުނައިދު މިއަދު ލަންކާގެ ފިނޭންސް މިނިސްޓަރ ރަވީ ކަރުނަޔަކަ އާއި އެ ޤައުމުގެ ކަސްޓަމްސް ޑައިރެކްޓަރ ޖެނެރަލް ސެމަސިންގއާއި ލަންކާގައި ބައްދަލުކުރައްވައި ބޭއްވި މަޝްވަރާތަކުގައި ކަމަށް ކަސްޓަމްސް އިން މަޢުލޫމާތުދެއެވެ.މިއަދު ހެނދުނު ލަންކާގެ ފިނޭންސް މިނިސްޓްރ ގައި ބޭއްވުނު ބައްދަލުވުމުގައި ކޮމިޝަނަރ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި މިދުވަސްވަރަކީ ވަރަށް ގިނަ އަދަދެއްގެ ދިވެހިން އެކި ބޭނުންތަކުގައި ލަންކާއަށް ދަތުރުކުރައްވާ ދުވަސްވަރަކަށްވާތީ، އެއަރޕޯޓްގައި އިތުރު ޗެކްތަކެއް ކުރެވޭތީ، ޕަސިންޖަރުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ހާމަކުރައްވާފައިވެއެވެ. މިބައްދަލުވުމުގައި ލަންކާގެ ފިނޭންސް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މިދުވަސްވަރު އިތުރަށް ޗެކްކުރެވެމުންދަނީ ބައެއް ފަރާތްތަކުން ވިޔަފާރިމުދަލުގެ ގޮތުގައި ބެލެވޭ މިންވަރަށް ތަކެތި ގެންނަކަމަށް މަޢުލޫމާތު ލިބިފައިވާތީ ކަމަށާއި، ނަމަވެސް މިހާތަނަށް ބެލިބެލުމުން އެކަންއެގޮތަށް ހިނގާކަމަށް ފާހަގަކުރެވިފައިނުވާތީ އާއި ކޮމިޝަނަރ ޖެނެރަލްގެ އެދިވަޑައިގަތުމުގެމަތިން، ޗެކްކުރުމުގެ ކަންތައްތައް އާންމު ހާލަތަށް ބަދަލުކުރެވިގެން ދާނެކަމަށެވެ.މިގޮތުން ދިވެހި ފަސިންޖަރުންނަށް ކުރިއެކޭވެސް އެއްފަދައިން ވީހާވެސް ލުއިފަސޭހަ ގޮތަކަށް ބަލާފާސްކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ދެއްވާފައިވާކަމަށް ކަސްޓަމްސް އިން މަޢުލޫމާތުދެއެވެ. އަދި މިދުވަސްވަރަކީ ވަރަށް ގިނަ އަދަދެއްގެ ދިވެހިން ލަންކާއަށް ދަތުރުކުރައްވާ ދުވަސްވަރަކަށްވާތީ، ޚާއްޞަކޮށް ކާބޯތަކެތި ގެންދަވާއިރު އެބޭފުޅެއްގެ އަމިއްލަ ބޭނުމަށް ފުދޭ މިންވަރަށްވުރެ އިތުރަށް ތަކެތި ނުގެންދެވުމަށްވެސް ސްރީލަންކާ ކަސްޓަމްސްގެ ފަރާތުން އިލްތިމާސްކުރައްވާފައިވާކަމަށް ކަސްޓަމްސް އިން މަޢުލޫމާތުދެއެވެ.މިބައްދަލުވުމުގައި ކަސްޓަމްސްގެ ބަލައި ފާސްކުރުމާއި އެކްސްރޭކުރުމުގެ ނިޒާމް ހަރުދަނާކުރުމަށް ސްރީލަންކާ ކަސްޓަމްސްގެ އެހީތެރިކަމަށް ކޮމިޝަނަރ ޖެނެރަލް އެދިވަޑައިގަންނަވާފައިވާތީ، އެކަންއެގޮތަށް ހަމަޖައްސަވާނެކަމަށާއި، ޚާއްޞަގޮތެއްގައި މުދާ އެކްސްރޭ ކުރުމާއި ބަލައި ފާސްކުރުމުގެ ކަންކަން ހަރުނަދާކުރުމަށް ދިވެހި ކަސްޓަމްސް މުވައްޒަފުންނަށް އިތުރު ތަމްރީން ޕްރޮގްރާމްތައް ހިންގެވުމަށް ނިންމަވާފައިވާކަން ސްރީލަންކާގެ ކަސްޓަމްސްއިން ހާމަކޮށްފައިވާކަމަށްވެސް ކަސްޓަމްސް އިން ހާމަކުރައްވައެވެ.