ޚަބަރު

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތް ސެޕްޓެމްބަރުގެ ކުރިން ނިންމަނީ


ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ކުރިން ނިންމުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން އެ ހޮސްޕިޓަލުގައި ލެބޯރެޓަރީއަކާއި ވާރޑް އިމާރާތެއް އެޅުމުގެ އިތުރުން އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމަށްވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ވިދާޅުވީ މި މަސައްކަތުގެ 63 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ވާރޑް އިމާރާތުގެ ސީލިން މަސައްކަތް ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. 30 އެނދާ އެކު ވާރޑް އޭރިއާ އިމާރަތްކުރާއިރު މިތަނުގައި 6 އައިސީޔޫ އެނދުވެސް ހުންނާނެއެވެ.

މިނިސްޓްރީ އޮފް ހެލްތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތަށް 30.3 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ކޮންމެ ދުވަހަކުވެސް އެތަކެއް ބަޔަކު ޚިދުމަތް ހޯދުމަށް ދާ ހޮސްޕިޓަލެކެވެ. އެ ރަށުގެ ރައްޔިތުންގެ އިތުރަށް އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނާއި އެހެނިހެން އަތޮޅުތަކުގެ ރައްޔިތުންވެސް އެ ހޮސްޕިޓަލުން ޚިދުމަތް ހޯދައެވެ. ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު އެ ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކޮށް އިތުރު ޚިދުމަތްތަކެއްވެސް އަންނަނީ ތަޢާރަފްކުރަމުންނެވެ. އެންމެ ކުޑަ ޚިދުމަތުން ފެށިގެން ބޮޑެތި އޮޕަރޭޝަންތައްވެސް މިހާރު އެ ހޮސްޕިޓަލުން ކުރެއެވެ.

އެ ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް އައިރު 1497 ސީޓީސީ ސްކޭން ވަނީ ހަދާފައެވެ. 507 މީހަކު އެމްއާރްއިގެ ޚިދުމަތް ހޯދާފައިވާއިރު 48 މެމޮގްރަފީ ވަނީ ހަދާފައެވެ. މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ސްޕީޗްތެރަޕީގެ ޚިދުމަތް ދޭން ފެށި ހިސާބުން ފެށިގެން މިހާތަނަށް ވަނީ 170 މީހަކަށް އެ ޚިދުމަތް ފޯރުކޮށްދީފައެވެ. އަދި މިހާރުވެސް 95 މީހަކު އަންނަނީ އެ ޚިދުމަތް ހޯދަމުންނެވެ. ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި އެ ހޮސްޕިޓލުން އެންއައިސީޔޫގެ ޚިދުމަތް 150 އަށްވުރެ ގިނަ މީހުން ހޯދާފައިވެއެވެ.

މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެހޮސްޕިޓަލުގައި ލޭބަރ ރޫމްގެ ޚިދުމަތް ދޭންފަށާފައިވާއިރު މިހާތަނަށް 416 މީހަކު ވިއްސާފައިވެއެވެ. އަދި އަލަށް 4 އެނދު ވަނީ ލޭބަރ ރޫމަށް އިތުރުކޮށްފައެވެ. މީގެ އިތުރުންވެސް އެހޮސްޕިޓަލުން އަންނަނީ ގިނަ ޚިދުމަތްތަކެއް ދެމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުވަނީ ނިއުރޯޑައިގްނޯސްޓިކް ޚިދުމަތް ދޭން ފަށާފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވަނީ މެޑިކަލް އޮކްސިޖަން ޕްލާންޓެއްވެސް ބަހައްޓާފައެވެ. މިހާރު ފެތުރެމުންދާ ކޯވިޑަށް ޓެސްޓްކުރުމަށްޓަކައި 33145 ސާމްޕަލެއް އެހޮސްޕިޓަލުންވަނީ ޓެސްޓްކޮށްފައެވެ.

އެ ހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތް ފުޅާކުރުމަށްޓަކައި މިހާރުވެސް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނައިރު މިވަގުތުވެސް ބައެއް މަސައްކަތްތައް ކުރުމަށްޓަކައި ވަނީ ހަވާލުކޮށްފައެވެ. އަދި ސަރުކާރުން މިހާރު މަސައްކަތްކުރައްވަމުންދަނީ އެ ހޮސްޕިޓަލަކީ ޓާޝަރީ ހޮސްޕިޓަލަކަށް ހެދުމަށެވެ.