ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ވެރިފިކޭޝަން ނިޒާމެއް ގާއިމްކުރުމަށް ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްއެމްއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަސްޓަމްސްއިން ވަނީ ރާއްޖޭގައި ހިންގަމުންދާ 7 ބޭންކަކާއެކު ޓީޓީ ވެރިފިކޭޝަނާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ކަސްޓަމްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. އަދި ބޭންކުތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުތަކުގެ ސީއީއޯއިންނާއި މެނޭޖިންގ ޑައިރެކްޓަރުންނެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭއިން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލާ ގުޅޭގޮތުން ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި ޓްރާންސެކްޝަންތަކުގެ މައުލޫމާތު، ބޭންކުތަކާއި ކަސްޓަމްސްއާ ދެމެދު ބަދަލުކުރާނެ ހަރުދަނާ ސިސްޓަމެއް ގާއިމުކުރެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، މުދާ އެތެރެކުރުމަށް ޓީޓީ މެދުވެރިކޮށް ކުރާ ފައިސާގެ މުޢާމަލާތްތަކާއި، އަދި އެތެރެކުރެވޭ މުދަލުގެ މަޢުލޫމާތު ދިމާވޭތޯ ބެލުމުގެ ނިޒާމު ހަރުދަނާކޮށް، ވިޔަފާރިއާ ގުޅުންހުރި މާލީ މުޢާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަކީވެސް މި މަސައްކަތުގެ މައިގަނޑު މަގުސަދެއް ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
މި މަސައްކަތް ވިލަރެސްކުރުމަށް ހަމަޖެހިފައިވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އެފްއައިޔޫއިންނެވެ.
ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ވެރިފިކޭޝަން ނިޒާމެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނާއި ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައި ދިނުމުގެ ގޮތުން، ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު އަނެއްކާވެސް އިތުރުކުރުމަށް އެމްއެމްއޭއިން ވަނީ 11 އޮގަސްޓުގައި ނިންމާފައެވެ. މިގޮތުން، އެމްއެމްއޭއިން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު، ތިން ހަފްތާގެ މުއްދަތަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
ދިވެހި ރާއްޖޭގެ ބޭންކިން ސިނާޢަތް ކުރިއަރުވައި ސިނާޢަތަށް އިސްލާހީ ބަދަލުތައް ގެނައުމަށް އެމްއެމްއޭއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެތެރޭގެ ބޭންކުތައް އިތުރުކޮށް ދިވެހި މާލީ ނިޒާމުގެ ތެރޭގައި އާމްދަނީ ދައުރުވާ މިންވަރު އިތުރުކުރުމަށާއި، އެތެރޭގެ ކުރެވޭ މާލީ މުޢާމަލާތްތައް ދިވެހިފައިސާން ކުރާ ގޮތަށް ހެދުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އަދި ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ %40 ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.