ޚަބަރު

ކޭންއަކީ ޓޮޓެންހަމުގެ ކުޅުންތެރިއެއް، ދޫކޮށްލަން ބޭނުމެއް ނޫން: ނޫނޯ


ހެރީ ކޭންއަކީ ޓޮޓެންހަމް ހޮޓްސްޕަރގެ ކުޅުންތެރިއެއްކަމަށާއި ކޭން ދޫކޮށްލަން ބޭނުން ނުވާކަމަށް އެޓީމުގެ އައު ކޯޗް ނޫނޯ އެސްޕިރީޓޯ ސަންޓޯ ބުނެފިއެވެ.

ނިގެންދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި އިޓަލީ އަތުން ބަލުވެ އިންގްލެންޑް ކުޅުންތެރިން މިހާރު ތިބީ ޗުއްޓީގައެވެ. މި އަންނަ ޕުރިމިއަރ ލީގު ސީޒަން ފެށުމަށް ބައެއް ޓީމުތަކުން މިހާރު އެކި ޤައުމުތަކުގައި ދަނީ ތަމުރީނުތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ޓޮޓެންހަމުންވެސް ބައެއް ކުޅުންތެރިންނާއެކު ދަނީ ތަމްރީން ކުރަމުންނެވެ. ޓޮޓެންހަމުގެ އައު ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯބުނީ ކޭންއަކީ ޓޮޓްނަމްއަށް ވަރަށް މުހިންމު ކުޅުންތެރިއެއްކަމަށާއި ކޭން ދޫކޮށްލަން ބޭނުން ނުވާކަމަށެވެ.

މިދިޔަ ސީޒަން ނިމުމާއެކު ކޭންވަނީ ޓޮޓެންހަމު ދޫކޮށް ދާން ބޭނުންވާކަމަށް ބުނެފައެވެ. ނޫނޯ ބުނީ ޗުއްޓީ ނިންމާލުމަށްފަހު ކޭން އައުމާއެކު އޭނާއާއި ވާހަކަދައްކާނެކަމަށާއި ކޭން ކުލަބު ދޫކޮށް ދާން ބޭނުންވާކަމުގެ ވާހަކަދައްކަންވެސް ބޭނުން ނުވާކަމަށް ނޫނޯ ބުންޏެވެ. އަދި އުންމީދުކުރަނީ ކޭން ކުލަބާއެކު މަޑުކުރާނެކަމަށެވެ. ކޭން ކުލަބު ދޫކޮށްލަން ބޭނުން ވާކަން ހާމަކުރުމާއެކު މެންޗެސްޓަރ ސިޓީންވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.

އިނގިރޭސި ދެވަނަ ޑިވިޝަނުން ޕުރިމިއަރ ލީގަށް ވުލްވްސް ޕްރޮމޯޓްކޮށްދީ ނޫނޯވަނީ އެ ޓީމު ގޮވައިގެން ޔޫރޮޕާ ލީގުގައިވެސް ވާދަކޮށްފައެވެ. މިދިޔަ ސީޒަނަށްފަހު ނޫނޯ ވުލްވްސް ދޫކޮށްލަން ނިންމީ އެ ޓީމު ލީގުގެ 13 ވަނައިގައި ނިންމާލަން ޖެހުމުންނެވެ.