ޚަބަރު

2030ވަނަ އަަހަރުގެ ވޯލްޑް ކަޕް ސައުދީއާއި އިޓަލީގައި ބޭއްވުމަށް މަސައްކަތް ފަށައިފި


ދެހާސް ތިރީސްވަނަ އަހަރުގެ ވަރލްޑް ކަޕް ސަޢުދީ އަރަބިއްޔާއާއި އިޓަލީގައި ބޭއްވުމަށް މަސައްކަތް ފަށައިފިއެވެ.

މީޑިޔާ ރިޕޯޓުތަށް ބުނާގޮތުން ފުޓުބޯޅައިގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ބޭއްވުމަށް ސައުދީން އިޓަލީއާއި ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާއިރު، ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި އެއްކޮޅުން ކުޅުނު އިންގްލެންޑުންވެސް ވަނީ އަޔަލެންޑާއި ގުޅިގެން 2030ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް މަސައްކަތް ކުރުމަށް ނިންމާފައެވެ. މިކަން އިޢުލާންކޮށްފައިވަނީ އިންގްލެންޑްގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަންއެވެ.

2030ވަނަ އަހަރުގެ ވަރލްޑް ކަޕް ބޭއްވުމަށް ޤައުމުތަކުން ޝަޢުޤުވެރިކަން ފާޅުކުރަމުންދާއިރު، އެ އަހަރުގެ ވަރލްޑް ކަޕްގައި 48 ޓީމު ކުޅޭނެއެވެ. އަދި މުބާރާތުގައި 80 މެޗް ކުޅޭނެއެވެ. އެހެންކަމުން އެއް ޤައުމަށްވުރެ ގިނަ ޤައުމުތަކެއްގައި މުބާރާތް ބޭއްވުމަށް ފީފާއިންވެސްވަނީ ބާރު އަޅާފައެވެ. އެހެންކަމުން، ސަޢުދީ ޢަރަބިއްޔާއިންވަނީ ބޮސްޓަން ކޮންސަލްޓަންޓެންސީ ގުރޫޕްގެ އެހީއާއެކު 2030ވަނަ އަހަރުގެ ވަރލްޑް ކަޕްގެ ބިޑް ކާމިޔާބުކުރުމަށް ހުރި ފުރުސަތުތަށް ބަލަމުންނެވެ. އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން އިޓަލީއާއެކު ސަޢުދީ އަރަބިއްޔާއިން މަސައްކަތް ކުރަމުންދާއިރު، ދެ ޤައުމުގެ ދުރުމިނަކީ މައްސަލައެއް ނޫންކަމަށް މީޑިޔާ ރިޕޯޓުތަކުން ބުނެއެވެ.

އިޓަލީއާއެކު އެންމެ ފުރަތަމަ ސަޢުދީން ވަރލްޑް ކަޕަށް ބިޑުކުރުމަށް ނިންމުމުގެ ކުރިން ސަޢުދީންވަނީ މޮރޮކޯއާއި މިޞްރާއެކުވެސް ބިޑުކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް މި ދެ ޤައުމުގައި ވަރަށް ގިނަ ދަނޑުތަކާއި ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމުކުރުމަށް ބޮޑު ޚަދަރެއްދާނެކަމަށް މީޑިޔާ ރިޕޯޓުތަކުން ބުނެއެވެ. އެހެންކަމުން ސަޢުދީންވަނީ އިޓަލީއާއެކު ކުރިއަށް ދިއުމަށް ނިންމާފައެވެ.

ސަޢުދީ ޢަރަބިއްޔާއިންވަނީ މީގެ ކުރިން ބައިނަލްއަޤްވާމީ ބޮޑެތި ކުޅިވަރު މުބާރާތްތަށް ބައްވާފައެވެ. އޭގެ ތެރޭގައި ފޯމިއުލަރ ވަން ފަސްފަހަރު ބޭއްވުމާއި، ގޮލްފް ޓުއަރ އަދި އިޓާލިއަން ކަޕް ފައިނަލް މެޗި ފާހަގަކޮށްލެވެއެވެ.