ޚަބަރު

މިއަހަރު 3 މުބާރާތް ބޭއްވުމަށް ކެރަމް އެސޯސިއޭޝަނުން ނިންމައިފި


މިއަހަރު ތިން މުބާރާތެއް ބޭއްވުމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސުން ނިންމައިފިއެވެ.

ކޯވިޑް-19އާއި ގުޅިގެން މިދިޔަ އަހަރު އެއްވެސް މުބާރާތެއް ބޭއްވިފައި ނުވާއިރު، މިއަހަރުގެ މިހާތަނަށްވެސް ކޯވިޑް-19އާއި ގުޅިގެން އެއްވެސް މުބާރާތެއް ކެރަމް އެސޯސިއޭޝަނަށް ބޭއްވިފައެއް ނުވެއެވެ. އެ އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ ހުސެއިން ރައުޝަން ވިދާޅުވީ މިއަހަރު ތިން މުބާރާތެއް ބޭއްވުމަށް އެސޯސިއޭޝަނުން ބޭނުންވާކަމަށާއި އެޗްޕީއޭއިން މުބާރާތްތަށް ބޭއްވުމަށް އަދި ހުއްދަ ދީފައިނުވާކަމަށެވެ. މާލޭ ސަރަޙައްދުގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިންވަނީ މީގެ މަހެއް ހާ ދުވަސްކުރިން ކުޅިވަރު މުބާރާތްތަކާއި ކުޅިވަރު ކުޅޭ ތަންތަން ބަންދުކޮށްފައެވެ. އަދި މިހާރު މާލެ ސަރަޙައްދުގައި ވައިރަހުގެ ކޭސްތަށް މަދުވުމާއި ގުޅިގެން އެޗްޕީއޭއިންވަނީ ކުޅިވަރު ކުޅޭ ތަންތަން ހުޅުވުމާއި އެކަނި ކުރެވޭ ކަސްރަތު ކުރުމަށް ހުއްދަ ދީފައެވެ. ނަމަވެސް އެއްވެސް މުބާރާތެއް ބޭއްވުމަށް އަދި ހުއްދަ ދީފައެއް ނުވެއެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ރައުޝަން ވިދާޅުވީ ޤައުމީ މުބާރާތާއި އެސޯސިއޭޝަން ކަޕްގެ އިތުރުން މިއަންނަ ޢީދާއި ދިމާކޮށް ޢީދު ކަޕެއްވެސް ބޭއްވުމަށް އެސޯސިއޭޝަނުން ރާވަމުންދިޔަކަމަށެވެ. ނަމަވެސް އެޗްޕީއޭއިން މުބާރާތްތަށް ބޭއްވުމަށް ހުއްދަ ދީފައިނުވާތީ ޢީދު ކަޕް ބޭއްވުމުގެ ފުރުޞަތު ވަރަށް ކުޑަކަމަށްވެސް ރައުޝަން ވިދާޅުވިއެވެ. މިހާރު ޠާވަލުކޮށްފައިވާ ގޮތުން ޤައުމީ މުބާރާތް ފެށުމަށް ނިންމާފައިވަނީ ސެޕްޓެމްބަރ މަހުގެ 3ވަނަ ދުވަހުއެވެ. އަދި އެސޯސިއޭޝަން ކަޕް ފެށުމަށް ތާވަލްކޮށްފައިވަނި ޑިސެމްބަރ މަހުގެ ތެރޭގައެވެ. ރައުޝަން ވިދާޅުވީ މުބާރާތްތަށް ބޭއްވުމަށް އެސޯސިއޭޝަނުން ތައްޔާރުވަމުންދާއިރު، މިކަމަށް ޚާއްޞަ ގައިޑްލައިނެއް ތައްޔާރުކޮށް މިހާރުވަނީ އެޗްޕީއޭއާވެސް ޙިއްސާކޮށްފައިކަމަށެވެ.

ކެރަމްއަކީ ސިންގަލްސް ކުޅިވަރަކަށްވުމުން އެސޯސިއޭޝަނުންވަނީ މިދިޔަ އަހަރު މާލެ ލޮކްޑައުން ކުރުމުގެ ކުރިން ޤައުމީ ސީނިއަރ ޓީމާއި ޤައުމީ ޖޫނިއަރ ޓީމުގެ ކުޅުންތެރިން ތަމްރީނުވުމަށް ކެރަމް ސެޓަޕް ބޭނުންވާ ކުދިންނަށް އެ ސެޓަޕް ފޯރުކޮށްދީފައެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ކުދިންގެ ފޯމު ގެއްލުނަނުދީ ގޭގައި ތިބެގެންވެސް ފަރިތަކުރެވޭނެ ގޮތް ހަދައިދިނުންކަމަށް ކެރަމް އެސޯސިއޭޝަނުން ބުންޏެވެ. އަދި އެސިއޭޝަނުން ކޮންމެ ދެ މަހަކުން އެއް ފަހަރު އޮންލައިންކޮށް ކުދިންގެ ފެންވަރު ބަލަމުން ދިޔަކަން އެ އެސޯސިއޭޝަނުން ފާހަގަކުރިއެވެ.