ޚަބަރު

ކޯވިޑް-19 : އިތުރު ދިވެއްސަކު ނިޔާވެއްޖެ


ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޯވިޑަށް ފަރުވާދެމުންދިޔަ ދިވެއްސެއް ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރޭ 00:17 ހާއިރު ނިޔާވެފައިވަނީ ޢުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 216 ވަނަ މީހާއެވެ.

ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު 216 އަށް އަރާފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 197 ދިވެހިންނާއި 19 ބިދޭސީންނެވެ.

އެންމެފަހުން މިބަލީގައި ރާއްޖެއިން މީހަކު ނިޔާވެފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ކޯވިޑްއަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހާލުބޮޑުވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް މިހާރު ވަނީ މަދުކުރެވިފައެވެ. އޭގެ އިތުރުން ބައްޔަށް ހުށައެޅޭ މީހުންގެ ޢަދަދުވެސް ވަނީ ދަށްކުރެވިފައެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 217 މީހުންނެވެ.