ސިޔާސީ

އިންތިޤާލީ އިންސާފުގެ އޮފީހަށް 59 މައްސަލައެއް ހުށަހަޅައިފި


އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް 59 މައްސަލައެއް ހުށަހަޅައިފިއެވެ.

އިންތިޤާލީ އިންސާފުގެ އޮފީހަށް މައްސަލަތައް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ ޖޫންމަހުގެ 13 ވަނަ ދުވަހުއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ވިދާޅުވީ، އެ އޮފީހަށް މައްސަލަތައް ހުށަހެޅުމަށް ހުޅުވާލި ދުވަހުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 59 މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ. އަދި މިހާތަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ޙައްޤާއި، މަސައްކަތްކުރުމުގެ ޙައްޤާއި، މުދާ ހޯދައި ލިބިގަތުމުގެ ޙައްޤާއި، އުނގެނުމުގެ ޙައްޤާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ޕެންޝަން ލިބުމުގެ ޙައްޤާއި، ޤާނޫނާ ޚިލާފަށް ހައްޔަރުކުރުން އަދި ޒާތީ ދިރިއުޅުމާ ގުޅޭ މައްސަލަތައް ހިމެނޭކަމަށް އެ އޮފީހުން ވިދާޅުވެފައިވެއެވެ.

އެންމެ ގިނަ އަދަދަކަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހަޅާފައިވަނީ ބޯހިޔާވަހިކަމުގެ ޙައްޤާ ގުޅޭ މައްސަލަތަކެވެ. އެގޮތުން 59 މައްސަލައިގެ ތެރެއިން 54.24 އިންސައްތަ މައްސަލައަކީ ބޯހިޔާވަހިކަމާއި ގުޅުންހުރި މައްސަލަތަކެކެވެ. އެންމެ މަދުން އެ އޮފީހަށް ހުށަހަޅާފައި ވަނީ ޕެންޝަން ލިބުމުގެ ޙައްޤާއި ގުޅޭ މައްސަލަތަކާއި ޒާތީ ދިރިއުޅުމާ ގުޅޭ މައްސަލަތަކެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 13 ޖޫން 2021 އިން 13 އޯގަސްޓް 2021ގެ ނިޔަލަށެވެ. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭނީ އިންތިޤާލީ އިންސާފުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތަކެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން މައްސަލަ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އެ އޮފީހުން އިސްނަގައިގެންވެސް މައްސަލަ ބަލާނެކަމަށް އިންތިޤާލީ އިންސާފުގެ އޮފީހުން ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި އިންސާފް ޤާއިމްކޮށްދިނުމުގެ ބާރު ޤާނޫނުން އެ އޮފީހަށް ލިބިދީފައިވާއިރު، އެއޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މާލީ ބަދަލު ނަގައިދޭން ހުށަހެޅޭ ބާވަތުގެ މައްސަލައެއްނަމަ، އެބަދަލު ނަގައިދެވޭނެ ގޮތްތައްވެސް ވަނީ ކަނޑައަޅާފައެވެ. މާލީ ބަދަލުގެގޮތުގައި ބަލަނީ މީހާގެ ވަޒީފާއަށް ނުވަތަ ދެވިފައިވާ އަނިޔާއަކާއި ގުޅިގެން ސިއްޙީ ގޮތުން ކުރަންޖެހުނު ޚަރަދުތަކާއި އެނޫން ޚަރަދުތަކުގެ ބަދަލު ނަގައި ދިނުމަށެވެ.