ވިޔަފާރި

އިންޑިއާގެ ގިނަ އެއަރލައިންތަކެއްގެ ދަތުރުތައް އަލުން ރާއްޖެއަށް


ދެކުނު އޭޝިއާ ޤައުމުތަކަށް ރާއްޖެ ބޯޑަރު އަލުން ހުޅުވާލުމާއެކު އިންޑިއާގެ ގިނަ އެއަރލައިންތަކެއްގެ ދަތުރުތައް ރާއްޖެއަށް ޝެޑިއުލްކޮށްފިއެވެ.

ދެކުނު އޭޝިއާގައި ކޯވިޑްގެ ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެމުންދިޔުމާއި ގުޅިގެން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއިން ޓޫރިސްޓް ވިސާ ދިނުން ހުއްޓާލާފައިވަނީ މިދިޔަ މޭއި މަހުގެ 13 ވަނަ ދުވަހުއެވެ. އޭގެ ގާތްގަނޑަކަށް 2 މަސް ދުވަސްފަހުން މިހާރު އަލުން މިވަނީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖެއިން ޓޫރިސްޓް ވިސާ ދޫކުރަން ފަށާފައެވެ. މިއާއެކު އިންޑިއާއިން ރާއްޖެއަށް ދަތުރުތައް ކުރަމުންދިޔަ އެއަރލައިންތަކުން މިވަނީ ދަތުރުތައް ފެށުމަށް ނިންމާފައެވެ.

މިކަމާއި ގުޅޭގޮތުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ، އިންޑިއާގެ 5 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށެވެ.

" އިންޑިއާގެ ގޯއެއަރ، އިންޑިގޯ، ސްޕައިސް ޖެޓްގެވެސް ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ، ދެން އެއަރ އިންޑިއާގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވަނަ ދުވަހު،" ހަސަން ވިދާޅުވިއެވެ.

ދެކުނު އޭޝިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވީ ނަމަވެސް ގެސްޓު ހައުސްތަކުގައި ޗުއްޓީ ހޭދަކުރުމުގެ ހުއްދަ އަދި ދީފައެއް ނުވެއެވެ. ނަމަވެސް މި މުއްދަތުގައި މާލޭގައި ޓްރާންސިޓްވާ ފަތުރުވެރިން ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން ކަނޑައާޅާ ގެސްޓު ހައުސްތަކުގައި ޓްރާންސިޓުވުމަށް މަޑު ކުރެވިދާނެ ކަމަށް އެޗްޕީއޭން ވަނީ އަންގާފައެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން މިދިޔަ މޭ މަހާ ހަމައަށް ރާއްޖެއަށް އެއް ޤައުމަކުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަމުން ދިޔައީ އިންޑިއާއިންނެވެ. އެހެން ނަމަވެސް އެޤައުމު ހިމެނޭހެން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ޓޫރިސްޓް ވިސާ ދިނުން ހުއްޓާލުމާއެކު ރާއްޖެއަށް އަންނަ ޖުމްލަ ފަތުރުވެރިންގެ އަދަދުތަކަށް ބޮޑެތި އަސަރުތަކެއް ކުރިއެވެ. އެގޮތުން އޭރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 3000ވުރެ ގިނަ ފަތުރުވެރިން އަންނަމުން ދިޔައެވެ. އެހެން ނަމަވެސް މެއި މަހު މިއަދަދު 2000ގަ ހުރިއިރު، ޖޫންމަހު މިއަދަދުވަނީ 1800އަށް ދަށްވެފައެވެ.