ޚަބަރު

ޚާރިޖީ ދާއިރާއިން މަތީ މަޤާމާއި، ޝަރަފް ލިބެމުންދަނީ ފަތުހުﷲގެ ސިޔާސަތުގައި ދެމިތިބުމުން: ރައީސް


ޚާރިޖީ ދާއިރާއިން ރާއްޖެއަށް މަތީ މަޤާމާއި، ޝަރަފް ލިބިގެންދަނީ މަރުހޫމް ފަތުހުﷲ ޖަމީލުގެ ހަރުދަނާ ސިޔާސަތުގައި ރާއްޖެއިން ދެމިތިބެ، އެސިޔާސަތާއެކު ކުރިއަށްދާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީގެ އިމާރާތް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ މަރުހޫމް ފަތުހުﷲ ޖަމީލްގެ ނަމަށް ބަދަލުކޮށް، އިމާރާތް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ފަތުހުﷲ ޖަމީލް ޚިދުމަތް ކުރެއްވި 27 އަހަރާއި 4 މަހަކީ ދިވެހިރާއްޖެ ބައިނަލްއަޤުވާމީ ދުނިޔެއަށް ހުޅުވާލެވި، ބައިނަލްއަޤުވާމީ ދުނިޔެއާއި ރާއްޖެއާއި ގުޅުން އެންމެބޮޑަށް ހަރުދަނާ ވެގެން ދިޔަ ދުވަސްތައް ކަމުގައެވެ.

ފޮރިން މިނިސްޓްރީގެ އިމާރާތް މަރުހޫމް ފަތުހުﷲ ޖަމީލަށް ޚާއްސަ ކުރެވިފައިވާ މައިގަނޑު ދެ ސަބަބަކީ ޚާރިޖީ ދާއިރާއަށް ފަތުހުﷲ ޖަމީލް 27 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތް ޤައުމީ ފެންވަރެއްގައި ބަލައިގަތުމާއި، މިއިމާރާތަކީ އެމަނިކުފާނުގެ މޭސްތިރިކަމުން ފަރުމާކޮށް، އިމާރާތް ކުރެވިފައިވާ އިމާރާތަކަށްވުމުން، އެމަނިފާނުގެ ހަނދާން ތާއަބަދަށް ފެނިގެންދާނޭ ހަނދާނީ ބިނާއަކަށް ހެދުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަރުހޫމް ފަތުހުﷲ ޖަމީލުގެ ޚާރިޖީ ސިޔާސަތަކީ އިންސާނީ ހައްގުތައް ފުރިހަމައަށް ރައްކާތެރިކޮށް، މިނިވަންކަމާއި، ސުލްހަޔާއި، ހަމަޖެހުން ގާއިމްކުރުންކަމަށާއި މިއަސާސްތަކަކީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރާ އަސާސްތައްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖެއިން ޚާރިޖީ ގުޅުންތައް ބަދަހިކޮށް، ޚާރިޖީ ސިޔާސަތު ނެގެހެއްޓުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މިނިވަންކަމާއި ސިޔާސަތު ދެމެހެއްޓުމަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މަރްޙޫމް އަލްއުސްތާޛް ފަތުޙުﷲ ޖަމީލުގެ ޚާރިޖީ ވަޒީރުކަމުގައިވެސް، އެންމެ ބޮޑު އިސްކަމެއް ދެއްވީ، މިދެންނެވި ސިޔާސަތުތައް ނެގެހެއްޓުމަށްޓަކައި، ބައިނަލްއަޤްވާމީ މަސްރަޙުގައި ވަކާލާތު ކުރެއްވުމަށް. މިއަދު ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ލިބިފައިވާ މަތިވެރި މަގާމާއި، ރާއްޖެއާމެދު އުފެދިފައިވާ އިތުބާރާއި ޤަދަރުގެ ޙަޤީޤީ ސިއްރަކީ، ޙިކްމަތްތެރިކަމާއެކު އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތްތައް. މިއަދުވެސް ސަރުކާރުން ދަމަހައްޓަމުން މިއަންނަނީ ހަމަ އެ ސިޔާސަތު. ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ، ކޮންމެ ޤައުމެއްގެވެސް މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެއަށް ބައިނަލްއަޤުވާމީ މައިދާނުގައި މިއަދު ލިބެމުންދާ ކުރިއެރުމާއި ކާމިޔާބީ ތަކަކީ މިސިޔާސަތުގައި ދެމިތިބުމުގެ ނަތީޖާ ކަމަށް ރައީސް ވިދާޅުވިއެވެ. ބައިނަލްއަޤުވާމީ ދުނިޔެއިން ރާއްޖެ އެކަހެރިވެފައިވާ 5 އަހަރަށްފަހު ވެރިކަމާއި ހަވާލުވިފަހުން ބައިނަލްއަޤުވާމީ ދުނިޔެއާއި ރާއްޖެއާއި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރި މަސައްކަތްތަކުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސްކަމަށް މިނިސްޓަރ ޝާހިދު އިންތިޚާބު ވެފައިވަނީވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތު ދުނިޔޭގެ ޤައުމުތަކުން ބަލައި ގަންނާތީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތް ކުރުމާ ޙަވާލުވިއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުން ރާއްޖެ އެކަހެރިވެފައި އޮންނަތާ ފަސް އަހަރުވެއްޖެ. އެއީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް. އެހެންކަމުން، މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް އަޅުގަނޑުމެން ހެދީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން. މިއަދުގެ ބައިނަލްއަޤްވާމީ މުޖުތަމަޢު ޤަބޫލުކުރަނީ، ކޮންމެ ޤައުމެއްގެވެސް މިނިވަންކަން، އެންމެ ފުރިހަމަ މާނައިގައި ޙިމާޔަތްކުރުމުގެ ސިޔާސަތު. އ.ދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް، ރާއްޖޭގެ ޚާރިޖީ ވަޒީރު އިންތިޚާބު ކުރުމަކީވެސް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އެންމެ ފުރިހަމަ މާނައިގައި ޙިމާޔަތްކުރެވިފައިވާ ކަމާއި، މުޅި ދުނިޔެ އެކަމަށް އިޢުތިރާފްވާކަމުގެ ހެއްކެއް." ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑްގެ ދަތި އުދަނގޫ ވަގުތުގައިވެސް ރާއްޖޭގެ ޚާރިޖީ ދާއިރާއިން ކުރައްވަމުންދާ އަގުނުކުރެވޭ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. ބޭރުގެ އެކި ޤައުމުތަކުގައި ތިބި ދިވެހި އާއިލާތަކުގެ ހާލު އޮޅުންފިލުވައި އެހީތެރިވުމަށާއި، ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ހޯދުމުގައި ދިވެހި ޚާރިޖިއްޔާއިން ކުރައްވާފައިވާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.