ޚަބަރު

ކޯވިޑް-19 : 73 މީހުން ޕޮޒިޓިވް، 109 މީހުން ރަނގަޅުވެއްޖެ


ރާއްޖެއިން އިތުރު 73 މީހުން ކޯވިޑަށް ޕޮޒިޓިވެއްޖެއެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދުވަނީ 75،300އިން މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00އިން ބުދަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ 73 މީހުންނެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 14 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 46 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 9 މީހަކާއި، ލިވަބޯޑަކުން ޕޮޒިޓިވްވި 3 އިތުރުން ހަދަމުންދާ ރަށްރަށުން ޕޮޒިޓިވްވި މީހަކުވެސް ހިމެނެއެވެ. މިއަދަދުތަކާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 75405 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް މަދުވެފައިވާއިރު، މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ވަނީ ދަށްވެފައެވެ. މިއާއެކު މިބައްޔަށް މިވަގުތު ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް އުޅެނީ 3000 އިން ދަށުގައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 2501 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 16 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 109 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 72678 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 6،715 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު 75405 އަށް އަރާފައިވާއިރު ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 214 މީހުން ވަނީ ނިޔާވެފައެވެ.