ޚަބަރު

ޢީދު ބަންދުގައި މާލެ ސަރަޙައްދުގައި ވެކްސިން ޖެހުން މެދުކަނޑާލަނީ


ޢީދު ބަންދުގައި މާލެ ސަރަހައްދުގައި ވެކްސިން ޖެހުން މެދުކަނޑާލާނެކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ. ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގައި މާލެ ސަރަޙައްދުގައި އަންނަނީ ކޯވިޑުން ދިފާޢުވުމަށް ޖަހާ ވެކްސިން ޖަހާދެމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ހުއްޓާލާނެކަމަށެވެ. އަދި އަލުން ވެކްސިން ޖަހަންފަށާނެ ތާރީޚެއް ފަހުން އިޢުލާންކުރާނެކަމަށެވެ. ނަޒްލާ ވިދާޅުވީ އީދު ބަންދަށް ފަހު ވެކްސިން އަލުން ޖަހަން ފަށާނެ ތާރީޚެއް އިޢުލާން ކުރާނެކަމަށާއި އެއާއެކު އަނެއްކާވެސް އެޕޮއިންޓްމަންޓް ހެއްދުމަށް ހުޅުވާލާނެކަމަށެވެ.

"އަޅުގަނޑުމެން ޢީދު ބަންދަށް ހުރިހާ ވެކްސިނެއްގެވެސް ވެކްސިނޭޝަން، މާލެ ސަރަހައްދުގައި ވެކްސިނޭޝަން ހުއްޓާލެވޭނެ. އީދު ބަންދަށްފަހު އަޅުގަނޑުމެން އަލުން ހުޅުވާލާނީ. ހުޅުވަން ކައިރިވީމަ އަޅުގަނޑުމެން ތާރީޚު އިއުލާންކުރުމާއެއްކޮށް ހަމަ ބުކިންގއަށް އެޕޮއިންޓްމެންޓް ހެދުމަށްވެސްހުޅުވާލާނަން." ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވިއެވެ.

މިހާރު އެޕޮއިންޓްމެންޓް އުސޫލުން ވެކްސިން ޖަހައިދެނީ ހަމައެކަނި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަންޖެހޭ ފަރާތްތަކަށެވެ. ގާތްގަނޑަކަށް 2 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން އަލުން ޖަހަން ފަށާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މިފަހަރު މި މަސައްކަތް އެޗް.ޕީ.އޭއިން ކުރިއަށްގެންދަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ކޮވިޝީލްޑް ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދޫކުރުމަށް ނިންމާފައިވަނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން، ކުރިން ވެކްސިން ޖެހި މީހުންނަށް އިސްކަންދީގެންނެވެ. އެގޮތުން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުމަށް ފުރަތަމަ ހުޅުވާލީ މިއަހަރުގެ ފެބްރުއަރީ އަދި މާރިޗުމަހުގެ ތެރޭގައި ވެކްސިން ޖެހި މީހުންނަށެވެ. އެޗް.ޕީ.އޭއިން ވިދާޅުވީ، މިހާރު އޭޕްރީލްމަހު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށްވެސް ދެވަނަ ޑޯޒް ޖެހޭނެކަމަށެވެ.