ޚަބަރު

ތިން ރުއް ޕާކް ސަރަޙައްދު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި


މާލޭ ހުޅަނގު ހާބަރު ސަރަހައްދުގައި ހުންނަ ތިން ރުއް ޕާކާއި ދިމާލުން ބޭރު ތޮށިގަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، އެތަން މަރާމާތުކުރެއްވުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ލޮނުޒިޔާރަތްކޮޅުގައި ހުރި ސުނާމީ ބިނާ، ތިން ރުއް ޕާކު ސަރަހައްދަށް ބަދަލުކުރެއްވުމަށް ހަމަޖައްސަވާފައިވުމުން، ހައުސިންގ މިނިސްޓްރީގެ ފަރާތުން ދަނީ އެ ސަރަހައްދު ތަރައްޤީކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި އަންނަ ޑިސެމްބަރު މަހުގެތެރޭގައި ، ސުނާމީ ބިނާ ބަހައްޓައި ތިން ރުއް ޕާކް ސަރަހައްދު އާއްމުންނަށް ވަދެވޭނެހެން ހުޅުވާލުމަށް މަސައްކަތް ކުރައްވަމުންދާކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބްރިޖްގެ މަޝްރޫއާއި، މާލޭގެ ހުޅަނގު ފަރާތުގައި ތަރައްޤީކުރާ އާޓިފިޝަލް ބީޗް މަޝްރޫއާއި ގުޅުވައިގެން ތިން ރުއް ޕާކް ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓްރީގެ ފަރާތުން ވަރަށް ބާރު ސްޕީޑުގައި ކުރައްވަމުންދާކަމަށެވެ. އަދި ސުނާމީ ބިނާ، ތިން ރުއް ޕާކު ސަރަހައްދަށް ބަދަލުކުރެވިގެންދާއިރު، އެ ސަރަހައްދުންވެސް ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެކަމަށެވެ.މާލޭ ބޭރު ތޮށިގަނޑު މަރާމާތުކުރުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ޑރ. މުއިއްޒު ވިދާޅުވީ، މާލޭގެ ބޭރުތޮށި މަރާމާތުކުރުމަށް ބޭނުންވާ ޕްލޭން އެކުލަވާލުމުގެ މަސައްކަތާއި، އެކަމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެކަމަށެވެ. މާލޭ ބޭރު ތޮށިގަނޑު ހިމާޔަތްކުރުމަށް 4.3 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހައުސިންގ މިނިސްޓްރީން ވަނީ ހިމަނުއްވާފައެވެ. މާލޭ ވަށައިގެން ލެވިފައިވާ ބޭރުތޮއްޓަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދާފައިވާ ތޮށްޓެކެވެ. އޭގެ ފަހުން މާލޭގެ ބޭރުތޮށި އެއްކޮށް މަރާމާތު ކުރުމުގެ މަސައްކަތް ނުކުރިނަމަވެސް، ތޮށިގަނޑުގެ އެކި ދިމަދިމާލުން ހަލާކުވެފައިވާތަންތަން މަރާމާތު ކުރުމުގެ މަސައްކަތް އަބަދުވެސް ހައުސިން މިނިސްޓްރީން ކުރައްވައެވެ.