ދީން

"މާލެ ސަރަޙައްދުގައި މިފަހަރު، ޢީދު ނަމާދުގެ ބޮޑު ޖަމާޢަތެއް ނޯންނާނެ"


މިއަހަރުގެ އަޟްޙާ ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް މާލެ ސަރަޙައްދުގައި ނުބާއްވާގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ. އެމިނިސްޓްރީން ވިދާޅުވީ، މާލޭ ސަރަޙައްދުގައި ބޮޑު ޖަމަޢާތުގައި ޢީދު ނަމާދުނުކުރާ ގޮތަށް ނިންމަވާފައިވީނަމަވެސް، ކޯވިޑް-19އާ ގުޅިގެން މޮނިޓަރިންގެ ޙާލަތުގައި ނެތް ރަށްރަށުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމުގެ ފުރުޞަތު ކަނޑައެޅިފައިވާ އުޞޫލުން ދެމުންދާނެކަމަށެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ، ކޯވިޑް-19ގެ ޙާލަތަށް ބަލައި މިފަހަރުގެ އަޟްޙާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި މާލޭ ސަރަޙައްދުގައި ނުކުރާގޮތަށް ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް މާލޭ ސަރަޙައްދުގައި ހުކުރު ކުރާ 39 މިސްކިތުގައި ޖަމާޢަތުގައި ޢީދު ނަމާދުކުރުން އޮންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަތޮޅުތަކުގައިވެސް މޮނިޓަރިންގައި ނެތް ރަށްރަށާއި، ނަމާދުގެ ޖަމާޢަތް މެދުކަނޑާލަންޖެހޭ ޙާލަތަށް ގޮސްފައިނުވާ ރަށްރަށުގައި ކަނޑައެޅިފައިވާ އުޞޫލުން ހުއްދައަށް އެދުމުން، ބޮޑު ޖަމާޢަތުގައި ނަމާދުކުރުމުގެ ހުއްދަ މިނިސްޓްރީން ދެމުންދާނެކަމަށްވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

"މާލޭ ސަރަޙައްދުގައި އަޅުގަނޑުމެން ބޮޑު ޖަމާޢަތެއް ނުބާއްވަން މިފަހަރަކު. އެކަމަކު ހުކުރު ކުރާ ހުރިހާ މިސްކިތްތަކެއްގައިވެސް ޢީދު ނަމާދު އިރާދަކުރެއްވިއްޔާ ކުރާނެ. އެއީ މާލޭ ސަރަޙައްދުގެ 39 މިސްކިތެއްގައި. އަތޮޅުތަކުގައި މޮނިޓަރިންގެ ޙާލަތުގައި އޮންނަ ރަށްރަށުގައި ބައެއް ފަހަރު ޖަމަޢާތް މެދުކަނޑާލަންވެސް އެބަޖެހޭ. ޖަމަޢާތް މެދުކަނޑާނުލެވޭ ރަށްރަށުގައި ޢީދު ނަމާދުވެސް ކުރާނެ. އެއީ ހުކުރުކޮށް ހަދާ ރަށްރަށުގައި. އަޅުގަނޑުމެން ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް ބޮޑު ޖަމާޢަތް ހަދަން ހުއްދައަށް އެދިއްޖެއްޔާ އަޅުގަނޑުމެން ބަލާފައި، ކައުންސިލްތަކާ ވާހަކަދައްކާފައި އެބަ ހުއްދަވެސްދެން. އެއީ މިފަހަރު އަޅުގަނޑުމެން ގެންގުޅޭނެ މިންގަނޑަކީ." މިނިސްޓަރ ޑރ.ޒާހިރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ކޯވިޑްގެ ޙާލަތު ރަނގަޅުވުމާއެކު އެޗް.ޕީ.އޭއިން ދީފައިވާ ލުއިތަކާއެކުވެސް މިސްކިތްތައް ބޭނުންކުރުމުގައި މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލާއެއްގޮތަށް ޢަމަލުކުރުން މުހިއްމުކަމަށެވެ. ވަކިން ޚާއްސަކޮށް ބޮޑު ޖަމާޢަތް ހަދާ ރަށްރަށުގައިވެސް އަމިއްލަ މުސައްލައެއް ހިފައިގެން ދިއުމަށާއި، މިސްކިތަށްދާއިރުގައާއި، ނަމާދުކުރާއިރުވެސް މާސްކް އަޅައިގެން ތިބުމަށް މިނިސްޓަރ އިރުޝާދުދެއްވިއެވެ.

"ބައެއް ފަހަރު އަޅުގަނޑުމެންނަށް ފެނޭ މާސްކް ނަގާ މަންޒަރު. ޝަރުޢީގޮތުން މާސްކް އަޅައިގެން ނަމާދުކުރުމުން ނަމާދު ހަމަ ޞައްޙަވާނެ. ހަމަ ޢިލްމުވެރިން ފަތުވާދެއްވާފައި އޮންނަ މައްސަލައެއް އެއީ. ބައެއް ބޭފުޅުންނަށް އެ އޮޅިވަޑައިގެންނެވީމަ ދިމާވާ މައްސަލައެއްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ. ދެން ހުން އައިސް ކޯވިޑްގެ އެއްވެސް އަލާމާތެއް ހުރިނަމަ މިސްކިތަށް ވަޑައިނުގެންނެވުން އެއީ އަޅުގަނޑުމެންގެ އިލްތިމާސްއަކީ." އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މާލޭ ސަރަޙައްދުގައި މިއަހަރުގެ އަޟްހާ ޢީދު ނަމާދު ބޮޑުޖަމާއަތުގައި ނުކުރަން ނިންމާފައިވާއިރު މިއަހަރުގެ ފިޠުރު ޢީދު ނަމާދުވެސް ބޮޑު ޖަމާޢަތުގައި ކޮށްފައެއް ނުވެއެވެ. އަދި މިދިޔަ އަހަރުވެސް މާލޭ ސަރަޙައްދުގައި ފިޠުރު ޢީދާއި އަޟްހާ ޢީދު ބޮޑު ޖަމާޢަތުގައި ކޮށްފައެއްނުވެއެވެ.

މީގެ ކުރިން މޫސުން ތަންދޭނަމަ ކޮންމެ އަހަރަކުވެސް ފިޠުރު ޢީދާއި އަޟްޙާ ޢީދު ނަމާދު މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޮޑު ޖަމާޢަތުގައި ކުރެއެވެ. އަދި މި ޖަމާޢަތްތަކުގައި ގިނަ ބަޔަކު ބައިވެރިވެއެވެ. ކަލަންޑަރުގައިވާގޮތުން މި އަހަރުގެ އަޞްޙާ ޢީދު ދިމާވަނީ މިމަހުގެ 20 ވާ އަންގާރަ ދުވަހަށެވެ.