ސިޔާސީ

"އެމްޑީޕީގެ ޑިމާންޑްތަކަށް ސަރުކާރުން ކޮށްދެވޭނެ ކަމެއްނެތް"


އެމްޑީޕީން ހުކުރުދުވަހު ފެށި މުޒާހަރާގައި އިޢުލާންކޮށްފައިވާ ޑިމާންޑުތަކަކީ ރައީސުލްޖުމްހޫރިއްޔާއަށާއި، ސަރުކާރަށް ކޮށްދެވޭނެ ކަންތައްތަކެއް ނޫންކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހީމް މުޢާޒް ޢަލީ ސިފަކުރެއްވި ގޮތުގައި، އެމްޑީޕީން ހުށައަޅަފައިވާ ޑިމާންޑްތަކަކީ ސަރުކާރުން ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކުރައްވަމުން ގެންދަވާތީ، ޤާނޫނާ ޚިލާފްވުމަށް ހުށައަޅަފައިވާ ކަންތައްތަކެކެވެ. އަދި އެކަމުގައި ސަރުކާރަށްވެސް އަދި ރައީސުލްޖުމްހޫރިއްޔާއަށް ވެސް ކޮށްދެއްވޭ އެއްވެސްކަމެއް ނޯންނާނެކަން މުޢާޒް ފާހަގަކުރެއްވިއެވެ.އެމްޑީޕީން ސަރުކާރަށް 3 ޑިމާންޑެއް ހުށައަޅާފައިވެއެވެ. އެމްޑީޕީން ސަރުކާރަށް ހުށައެޅި  ޑިމާންޑްތަކުގެ ތެރޭގައި ޖިނާޢީ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ އެޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުން ހިމެނެއެވެ.މީގެއިތުރުން ޖަލު ޙުކުމް ތަންފީޒްކުރަމުންދާ ބައެއް ސީޔާސީ ފަރާތްތަކާއި ސިޔާސީ ގޮތުން ހައްޔަރުކޮށް، ޝަރީއަތުގެ މަރުޙަލާގައި ތިބިކަމަށް ބުނާ ސަތާރަ ސަތޭކައެއްހާ މީހުންގެ މައްސަލަތައް އަލުން ތަޙުޤީޤުކޮށްދިނުވެސް ހިމެނެއެވެ. އަދި ޝަރުޢީ ދާއިރާއާއި މިނިވަން މުވައްސާސަތަކުން ކޮރަޕްޝަންގެ ނައްތާލާ ޕާޓީތަކާއެކު މަޝްވަރާކުރުމަށްވެސް އެމްޑީޕީން ސަރުކާރަށް ހުށައަޅާފައިވެއެވެ.އެމްޑީޕީގެ ޑިމާންޑުގައި ސަރުކާރުގެ ކޮރަޕްޝަން ނައްތާލުމަށް ގޮވާލާފައިވާ ގޮވާލުމަށް ރައްދު ދެއްވައި، ތަރުޖަމާން ވަނީ، އެމްޑީޕީއަށް ކޮރަޕްޝަންގެ ޢަމަލެއް ހިނގާކަމަށް ތުހުމަތުކުރެވޭނަމަ ޤައުމުގެ ކަމާއި ގުޅުންހުރި މިނިވަން މުއައްސަސާތަކަށް ހުށައަޅައިގެން ކުރިއަށް ގެންދިއުމަށް ގޮވާލައްވާފައެވެ.މުޢާޒް ވިދާޅުވީ އެމްޑީޕީން މުޒާހަރާ ކުރިއަށް ގެންގޮސް މުޒާހަރާގެ ވަގުތު އިތުރުކުރުމަށް ވާހަކަ ދައްކަނީ، އެޕާޓީން މާޔޫސްވެ، ޕާޓީގެ މަޤްޞަދު ނާކާމިޔާބުވުމުންކަމަށެވެ. އަދި އެމްޑީޕީން އަބަދުވެސް މަސައްކަތްކުރަނީ ޤައުމު ހަލަބޮލިކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހީމް މުޢާޒް ޢަލީ ތުހުމަތުކުރެއްވިއެވެ.