ޚަބަރު

މިއަދު އިތުރު 91 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ، 90 މީހަކު ބަލިން ރަނގަޅު


ރާއްޖެއިން އިތުރު 91 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 75،000އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00 އިން ހޯމަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ 91 މީހުންނެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 23 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 61 މީހުންގެ އިތުރުން ރިޒޯޓްތަކުން ޕޮޒިޓިވްވި 7 މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 75،162 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައްވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސްވަނީ ދަށްވެފައެވެ. މިއާއެކު މިބައްޔަށް މިވަގުތު ފަރުވާ ހޯދާމީހުންގެ ޢަދަދުވެސް ވަނީ އުޅެނީ 3000ހުން ދަށުގައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 2497 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 15 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 90 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 72،439އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 7،999 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 214 މީހުން ވަނީ ނިޔާވެފައެވެ.