ޚަބަރު

އިނގިރޭސިވިލާތުން ވޯލްޑު ކަޕަށްވެސް ނުކުންނާނީ ސައުތުގޭޓާއެކު


ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލުން ބަލިވި ނަމަވެސް އަންނަ އަހަރު ޤަޠަރުގައި އޮންނަ ވޯލްޑު ކަޕުގައި އިނގިރޭސިވިލާތުން ވާދަކުރަނީ ގަރެތު ސައުތުގޭޓުގެ އިރުޝާދުގެ ދަށުންކަމަށް އިނގިރޭސިވިލާތުގެ ފުޓުބޯޅަ އެސޯސިޔޭޝަނުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގެ ވެންބްލީ ސުޓޭޑިޔަމުގައި އިޓަލީވިލާތާ ދެކޮޅަށް ކުޅުނު ޔޫރޯގެ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން އިނގިރޭސިވިލާތް ބަލިވުމުން ގިނަ ބައެއްގެ ބޮޑެތި ފާޑުކިޔުންތަކެއްވަނީ ސައުތުގޭޓަށް އަމާޒުވެފައެވެ. ޚާއްޞަކޮށް މުޅި މުބާރާތުގައިވެސް ބަލިނުވެ އޮތް އިނގިރޭސިވިލާތުގެ ޓީމަށް ގެނެސްފައިވާ ބަދަލުތަކާއި ޕެނަލްޓީ ޖެހުމަށް ސައުތުގޭޓު އިސްކަން ދީފައިވާ ކުޅުންތެރިންނާމެދު ގިނަ ބައެއްގެ މެދުގައި ހިތްހަމަނުޖެހުންވަނީ އުފެދިފައެވެ.

އިނގިރޭސިވިލާތުގެ ފުޓުބޯޅަ އެސޯސިޔޭޝަނުން ބުނީ ޔޫރޯގައި ހިތްދަތި ނަތީޖާއެއް ލިބުނު ނަމަވެސް ސަތުތުގޭޓަށް އިތުބާރު އޮތްކަމަށާއި ވޯލްޑު ކަޕުގައި އިނގިރޭސިވިލާތުން ވާދަކުރަނީ ސައުތުގޭޓުގެ އިރުޝާދުގެ ދަށުންކަމަށެވެ. ނޫސްވެރިންނާ ވާހަކަދައްކަމުން ސައުތުގޭޓު ބުނީ އޭނާގެ ކުރިމަގާމެދު އިތުރަށް ވާހަކަދައްކަން ބޭނުންނުވާކަމަށާއި އޭނާގެ އަމާޒު ހުރީ ވޯލްޑު ކަޕުގައި ވާދަކުރުމަށްކަމަށެވެ. ނަމަވެސް އޭގެ ކުރިން ޔޫރޯގައި ހެދުނު ގޯސްތައް ދެނެގަންނާނެކަމަށްވެސް އޭނާވަނީ ބުނެފައެވެ.