ޚަބަރު

ޢާންމުކޮށް ހުޅުވާލައިގެން އަންހެން ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި


އޭފްސީ ވިމެންސް އޭޝިޔަން ކަޕުގެ ކޮލިފައިންގައި ވާދަކުރާ އަންހެން ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފިއެވެ. ރާއްޖޭގެ އަންހެން ޤައުމީ ޓީމު އޭޝިޔަން ކަޕުގެ ކޮލިފައިންގައި ވާދަކުރަނީ 11 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

އޭޝިޔަން ކަޕުގެ ކޮލިފައިންގައި ވާދަކުރާ އަންހެން ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފެށި ނަމަވެސް އެ ޓީމަށް ކޯޗަކު އަދި ހަމަޖައްސާފައެއް ނުވެއެވެ. ޚޮޗަކު ހަމަޖެހެންދެން ފަރިތަކުރުންތައް ބަލަހައްޓާނީ އެފްއޭއެމުގެ ޓެކްނިކަލް ޑިރެކްޓަރު އަޙްމަދު ޝަރީފު، ޑުންގާއެވެ.

ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވަނީ ޢާންމުކޮށް ހުޅުވާލައިގެންނެވެ. ޑުންގާ ބުނި ގޮތުގައި ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފައިވަނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހުކަމަށާއި ޓީމު އެކުލަވާލާނީ ދެ ހަފުތާގެ ފަރިތަކުރުންތަކަށްފަހުކަމަށެވެ.

އޭފްސީ ވިމެންސް އޭޝިޔަން ކަޕުގެ ކޮލިފައިންގައި ދިވެހިރާއްޖެއިން ވާދަކުރާނީ ގުރޫޕު ބީގައެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ އަފްޣާނިސްތާނާއި ތަޖިކިސްތާނާއި ވިއެޓުނާމެވެ. ކޮލިފައިންގެ މެޗުތައް ކުޅޭ އަންނަ ސެޕުޓެންބަރު މަހުގެ ތެރޭގައެވެ.

ފީފާއިން ދަރަޖަކޮށްފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ އޮތީ 144ވަނާގައެވެ. ރާއްޖެއާ ދެކޮޅަށް ނުކުންނަ އެންމެ ވަރުގަދަ ޓީމުކަމަށްވާ ވިއެޓުނާމު އޮތީ 32ވަނާގައެވެ. އަދި ތަޖިކިސްތާނު އޮތީ 135ވަނާގައެވެ. އެ ގުރޫޕުގެ އެންމެ ބަލި ޓީމަކީ އަފްޣާނިސްތާނެވެ. އެ ޤައުމު އޮތީ ދުނިޔޭގެ 152ވަނާގައެވެ.