ވިޔަފާރި

ބީއެމްއެލްގެ އެހީގައި "ފޮތް ގާޑިޔާ"އަށް އިތުރު ފުރިހަމަކަމެއް


ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ 'ފޮތް ގާޑިޔާ' އިތުރަށް ފުރިހަމަކުރުމަށްޓަކައި ހަޓެއް ހަދައި އާންމުންނަށް ބޭނުންކުރެވޭނެހެން ހުޅުވާލައިފިއެވެ.

ބީއެމްއެލުން ބުނީ މި ޕްރޮޖެކްޓް ގެ އަމާޒަކީ ހުޅުމާލޭގައި މިހާރު ހުރި، ފޮތް ގާޑިޔާއަށް މޫސުމާއެކު ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން، ވިއްސާރައިގެ ސަބަބުން ފޮތްތަކަށް ގެއްލުންވިޔަ ނުދިނުމަށާއި ގިނަ ފަރާތްތަކަކަށް ބޭނުންކުރެވޭނެހެން މި ތަން ތަރައްޤީކުރުން ކަމަށެވެ. މިގޮތުން، ދިވެހި ހަރުގެއެއްހެން ފަރުމާކޮށް ހިޔާވާނެގޮތް ހަދައި މި ފޮތް ގާޑިޔާގައި ހުންނަ ފޮަތްތައް ރައްކާތެރިކަމާއެކު ބެހެއްޓޭނެ އިންތިޒާމު ވަނީ ގާއިމްކޮށްފައެވެ. މިއާއެކު، އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މި ހަރުގެ ބޭނުންކުރެވިގެންދާނެއެވެ.

މި ގެނެވުނު ބަދަލާއެކު ފަޮތް ކިއުމަށް ކުދިބޮޑު އެންމެން އެއްވާ ތަނެއްގެ ގޮތުގައި ބޭނުންކުރުމާއި، ބުކް ކްލަބް އިންތިޒާމުކުރުމާއި، އާޓް އެންޑް ކްރާފްޓް ސްޓޭޝަނެއް ގޮތަށް ބޭނުންކުރުމާއި، ތައުލީމީ ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންކުރުގެ އިތުރުން ސްކޫލުތަކުގެ ކުދިން ސްކޫލު ގަޑީގައި ޒަޔާރަތްކޮށް ފޮތް ކުއުމަށް މިތަން ބޭނުންކުރުމަށް މަގުފަހިވާނެއެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބުކުރީ ޗިލްޑްރަން އޮފް މޯލްޑިވްސްގެ ފަރާތުންނެވެ. އަދި ފޮތްގާޑިޔާގެ ފައުންޑަރސް ބުނީ ފޮތް ގާޑިޔާއަށް މި ގެނެވުނު ބަދަލާއެކު މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ލިބުމުގެ އިތުރުން ތަފާތު ހަރަކާތަތްތައް ހިންގުމަށްވެސް މި ތަން ބޭނުން ކުރެވިގެންދާނެކަމަށެވެ.

މި ޕްރޮޖެކްޓް ހިންގުމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ ފަރާތުން ވަނީ ހަރުގެ އެޅުމަށް އެހީތެރިކަން ފޯރިކޮށްދިނުމުގެ އިތުރުން ބޭނުންވާނެ ބައެއް ސާމާނު ހޯދުމަށް އެހީތެރިކަން ފޯރިކޮށްދީފައެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.