ޚަބަރު

އެންގުމާއި ހިލާފްވެގެން 13 މީހަކު ހައްޔަރުކުރި- ޕޮލިސް


އެމް.ޑީ.ޕީން ކުރިޔަށް ގެންދާ މުޒާހަރާގައި މިއަދު ހަވީރު މަގުމައްޗަށް
ނުކުމެ ހިންގި ޙަރަކާތްތަކުގައި ފުލުހުންގެ އެންގެވުމާ ޚިލާފުވި 13 މީހަކު
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.



މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، މުޒާހަރާގެ
ބައިވެރިންނަށް ޙަރަކާތްތެރިވެވޭނީ ހަމައެކަނި ހެދިގޮނޑުދޮށުގައި ކަމަށް ފުލުހުން
އަންގަވާފައިވަނިކޮށް މުޒާހަރާ އިންތިޒާމްކުރާ ފަރާތުގެ އެންގުމަކަށް މުޒާހަރާގެ
ބައިވެރިން މަގުމައްޗަށް ނުކުތުމުންކަމަށް ފުލުހުން ބުނެއެވެ.



ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން، މަގުމައްޗަށް
ނިކުތުމުން، އެއީ ޞުލްޙަވެރި މުޒާހަރާއެއް ނޫން ކަމަށް
ކަނޑައަޅައި، ވަގުތުން ވަގުތައް އެ ސަރަޙައްދު
ދޫކޮށް ދިޔުމަށް މުޒާހަރާގެ ބައިވެރިންނަށް އިންޒާރުދީފައެވެ. އަދި މުޒާހަރާގެ
ބައިވެރިން އެގޮތަށް ޢަމަލު ނުކުރުމުން މިއަދު ހަވީރު ބޭއްވި މި މުޒާހަރާ ފުލުހުން
ވަނީ ރޫޅާލާފައެވެ.



މިރޭވެސް އެމްޑީޕީންވަނީ ހެދިގޮނޑުދޮށުގައި އެ ޕާޓީގެ
ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.



ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކާއި
ގުޅިގެން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާއާއި ހިއުމަންރައިޓްސް ކޮމިޝަނުން ވަނީ
ސިޔާސީ މުޒާހަރާތަކާއި ހަމަނުޖެހުން ހިނގުމުގެ ފުރުޞަތު އޮންނަ ތަންތަނަށް
ކުޑަކުދިން ނުގެންދިއުމަށް އިލްތިމާސް ކުރައްވާފައެވެ.



އަދި މިފަދަ ކަންތައްތަކަށް މަގުފަހިވާގޮތަށް ޢަމަލުކުރާ
ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އެޅުމަށްވެސް، ކަމާއިބެހޭ ފަރާތްތަކަށް ހިއުމަން
ރައިޓްސް ކޮމިޝަނުން ވަނީ ގޮވާލައްވާފައެވެ.