ޚަބަރު

ތަރުހީބު ކުޑަވެ، އަންހެނުންގެ ކޮމިޓީތަކަށް އިންތިޚާބު ނުކުރެވޭ ދާއިރާތަކަށް އަލުން ހުޅުވާލަނީ


އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިންތިޚާބަށް އެކަށީގެންވާ ތަރުހީބެއް ނުލިބުނު ދާއިރާތަކަށް އަލުން ވަނީ ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ އިންތިޚާބު އޯގަސްޓް 7 ވަނަ ދުވަހު ބޭއްވުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު 4 ދާއިރާއަކަށް އަލުން އިއުލާން ކުރަން ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އެދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އިތުރު ހަތްދުވަހަށްވަނީ ހުޅުވާލާފައެވެ.

އަލުން ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ، ހދ.ނޭކުރެންދޫ، ބ.ފުޅަދޫ، ވ.ރަކީދޫ އަދި މ.ރަތްމަންދޫ އެވެ. މީގެ ތެރެއިން ނޭކުރެންދޫ އަށް ހުޅުވާލާނީ ހުސްވެފައިވާ ދެ ގޮޑީގެ ތެރެއިން އެއްގޮޑިއަށެވެ. އަދި ރަކީދޫގައި ހުޅުވާލަނީ ހުސްވެފައިވާ ފަސް ގޮޑީގެ ތެރެއިން، 3 ގޮޑިއަށެވެ. ހަސަން ވިދާޅުވީ މިގޮތަށް ހުޅުވާލަން ޖެހެނީ ކުރިމަތިލުމަށް ހުޅުވާލުމުން އިންތިޚާބު ކުރަންޖެހޭ އަދަދަށް މީހުން ކުރިމަތި ނުލުމުންކަމަށެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން ބައެއް ދާއިރާތަކަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލި ދާއިރާތަކުގައި ވަނީ އިންތިޚާބަކާއި ނުލައި، ކުރިމަތިލި މީހާ އިންތިޚާބު ވެފައެވެ. މިގޮތަށް އިންތިޚާބު ވެފައިވަނީ ލ.މާބައިދޫ އާއި، ހއ.ވަށަފަރުގައެވެ.

އިންތިޚާބު ބޭއްވޭ ވަރަށް ކެނޑިޑޭޓުން ކުރިމަތިލާފައިވަނީ 4 ދާއިރާއެއްގައެވެ. އެއީ ހދ.ނޮޅިވަރަމާއި، ކ.ދިއްފުއްޓާއި، އއ.ފެރިދޫ އާއި ނ.ކެނދިކުޅުދޫ އެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގް ވިދާޅުވީ އެކަށީގެންވާ ތަރުހީބު ނުލިބި، އިންތިޚާބު ބާއްވަން ޖެހުމަކީ ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ މިކަމަށް ޤާނޫނީ ހައްލެއް ހޯދުމަށް މަޖިލީހުގެ ލަފައަކަށް އެދުމަށް ކަމަށް ފުއާދު ވިދާޅުވިއެވެ.

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި އިންތިޚާބުކުރި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަކީ ރާއްޖޭގެ ތާރީޚުގައިވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން އިންތިޚާބު ކުރެވުނު ފުރަތަމަ ފަހަރެވެ.