ޚަބަރު

މާދަމާވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ: މެޓް އޮފީސް


މާދަމާވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ބޯކޮށްވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. އެ އިދާރާއިން މިރޭ ވަނީ މޫސުމަށް ސަމާލުވުމަށް އަންގާ ހއ.އަތޮޅުން ފެށިގެން މާލޭ ސިޓީއަށް އަދި އއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ޔެލޯ އެލަރޓްވެސް ނެރެފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވަނީ ޔެލޯ އެލަރޓް ނެރެފައިވާ ސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލާއި 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވެ، އުދައަރާނެކަމަށްވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ޢަބްދުﷲ ހާފިޒް ވިދާޅުވީ، އިއްޔެއާއި މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެފައިވަނީ ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުންކަމަށެވެ. އަދި މާދަމާވެސް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭކަމަށާއި، ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ހާފިޒް ވިދާޅުވިއެވެ.

"މާދަމާވެސް ކޮންމެވެސް ވަރަކަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ލަފާކުރެވޭ. ބޮޑަށް ބެލެވޭގޮތުގައި ކުރިއަށް މިއޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ. ޚާއްސަގޮތެއްގައި މެދުރާއްޖެތެރެއަށާއި ރާއްޖޭގެ އުތުރުގެ ރަށްތަކަށް ދޭތެރެ ދޭތެރެއިން ގަދަވަޔާއެކު ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކުރެވޭ. އަންނަ ހޯމަދުވަހާއި ހަމައަށް ވައި އެވްރެޖްކޮށް ދަމަހައްޓާނެ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް. އެހެންނަމަވެސް ދެކުނުގެ އަތޮޅުތަކަށް އެވަރެޖްކޮށް ވައި އެހާ ބާރެއްނުވާނެ" ހާފިޒް ވިދާޅުވިއެވެ.

މިދުވަސްވަރަކީ ޢީދު ޗުއްޓީއާއެކު ސްކޫލްތައް ބަންދުވުމާއި ގުޅިގެން ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރާ ދުވަސްވަރެއްކަމުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ. އަދި ބޯކޮށްވާރޭ ވެހި ފެންބޮޑުވުމާއި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާކަމެއްކަމުން ގެއަށް ފެން ވަދެގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަމާލުވުމަށްވެސް އެއިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.