ޚަބަރު

ފާއިތުވި 11 އަހަރުތެރޭގައި ނުނިންމޭހާ ގިނަ މައްސަލަ، ކްލެމެންސީ ބޯޑުން 6 މަަސްތެރޭ ނިންމައިފި


ކްލެމެންސީ ބޯޑުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 400 އަށްވުރެ ގިނަ މައްސަލަ ބަލާ ނިންމާފައިވާ ކަަމަށް އެ ބޯޑުން ހާމަކުރައްވައިފިއެވެ. މިއީ ފާއިތުވެދިޔަ 11 އަހަރުގެ ތެރޭގައިވެސް އެންމެ ގިނަ އަދަދަކަށް ކްލެމެންސީ ބޯޑުން މައްސަލަ ނިންމި ފަހަރެވެ.

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ހުށަހެޅުމުން އެ އިލްތިމާސް ދިރާސާކޮށް އަމަލުކުރުމަށް ފެންނަ ގޮތުގެ ލަފާދިނުމަށް އެކުލަވާލާފައިވާ ކްލެމެންސީ ބޯޑުން ވަނީ މިއަހަރުގެ ފާއިތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ގިނަ މައްސަލަ ނިންމާފައެވެ.

އެބޯޑުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށްވަނީ 429 މައްސަލަ ނިންމާފައެވެ. ވޭތުވެދިޔަ 11 އަހަރު އެވްރެޖުކޮށް ބޯޑުން ނިންމި މައްސަލަތަކާ ބަލާއިރު މިއީ 250 އިންސައްތަ އިތުރުވުމެކެވެ.

ކްލެމެންސީ ބޯޑުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު ފެށުނުއިރު، ނުނިމި ހުރި 637 އިލްތިމާސްގެ މައްސަލަވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެބޯޑަށް ވަނީ 144 މައްސަލަ ހުށަހަޅާފައެވެ. މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެބޯޑުގައި މިހާރު ނުނިމި ހުރި މައްސަލަތަކުގެ އަދަދަކީ 105 އެވެ. މިއަހަރާއި ވޭތުވެދިޔަ ދެ އަހަރު އެ ބޯޑުން ބާއްވަން އެޖެންޑާކުރި އެއްވެސް ޖަލްސާއެއް ކޯރަމް ހަމަނުވެގެން ކެންސަލްކުރަން ޖެހިފައިނުވާކަންވެސް އެބޯޑުން ފާހަގަކޮށްފައިވެއެވެ.

މަޢާފުދިނުމާއި އަދަބުލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކްލެމެންސީ ބޯޑުގެ ރައީސަކީ އެޓަރނީ ޖެނަރަލްއެވެ. އެ ޤާނޫނުގެ ދަށުން ކްލެމެންސީ ބޯޑުގެ މަސައްކަތަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދެނީ އެޓަރނީ ޖެނަރަލްގެ އޮފީހުންނެވެ.