ޚަބަރު

އިނގިރޭސިވިލާތުން ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ދިވެހިރާއްޖެ އުނިކޮށްފި


ރާއްޖޭގައި އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅުކޮށް، އިންސާނީ ހައްޤުތައް ކުރިއަރުވަން ސަރުކާރުން ކުރައްވަމުންދާ މަސައްކަތް އިނގިރޭސިވިލާތުން ބަލައިގަނެ، އެގައުމުގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ދިވެހިރާއްޖެ އުނިކޮށްފިއެވެ.

އިނގިރޭސިވިލާތުން ޤައުމުތަކާއެކު ވިޔަފާރިއާއި އެހެނިހެން ގުޅުންތައް ބޭއްވުމުގައި އެގައުމެއްގެ އިންސާނީ ހައްޤުތަކުގެ ޙާލަތުގެ މައްޗަށް ރިޢާޔަތްކުރެއެވެ. އަދި މިއަހަރުގެ ޔޫކޭ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ ރިޕޯޓްގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކުރުމުގެ ސަބަބުން ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

އިންސާނީ ހައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އެއް ތަނބެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން އިންސާނީ ހައްޤުތަކުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރޭސް އަދި އިންސާނީ ހަޤުތަކާ ބެހޭ އދ.ގެ ހައިކޮމިޝަނަރ މިޝޭލް ބެޝެލޭ ވަނީ ފާހަގަކުރައްވާފައެވެ.

މިއަހަރު ދިވެހިރާއްޖޭގެ އިތުރުން މި ލިސްޓުން އުނިކޮށްފައިވަނީ ބުރުންޑީއެވެ. އަދި ލިސްޓަށް އިތުރުކޮށްފައިވަނީ ބެލަރޫސް، މާލީ، ނިކަރާގުއާއެވެ.