ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އެއް ވޮލީ މުބާރާތް ކަމުގައިވާ ރިސޯޓު ޗެމްޕިއަންޝިޕްގެ މި އަހަރުގެ އެޑިޝަންގެ ޗެމްޕިއަންކަން، ވަން އެންޑް އޮންލީ ރީތި ރަށް މޯލްޑިވްސް އިން ހޯދައިފިއެވެ.
ވޮލީބޯލް އެކެޑަމީ އޮފް މޯލްޑިވްސް އިން އިންތިޒާމކުރި ތިންވަނަ ރިސޯޓު ވޮލީ ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ރީތި ރަށުން ހޯދީ ފައިނަލުގައި ބަނޑޮސް މޯލްޑިވްސްއާ ވާދަކޮށް، ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ސެޓުތައް ރީތި ރަށުން ގެންދިޔައީ 22-25، 18-25 އަދި 16-25 އިންނެވެ.
ރީތި ރަށުގެ ވޮލީ ކޯޓުގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފެވެ.
ތަޖުރިބާކާރު ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ބަނޑޮހުން މެޗުގެ ފުރަތަމަ ދެ ސެޓު ފެށީ ވަރުގަދަކޮށެވެ. އެ ޓީމުން ވަނީ މި ދެ ސެޓުގައި ވެސް، ސެޓުގެ ކުރީކޮޅު ބޮޑު ލީޑެއް ނަގާފައެވެ. އެހެންނަމަވެސް މަޑުމަޑުން ގޭމުގެ ތެރެއަށް ވަދެ ރީތި ރަށުން ނަތީޖާ ބަދަލުކޮށްލައި، ސެޓުތައް ގެންދިޔައީއެވެ.
ފުރަތަމަ ދެ ސެޓާ ޚިލާފަށް ފަހު ސެޓުގައި މެޗު ފެށުނީއްސުރެ ގިނަވަގުތު ލީޑުގައި އޮވެ މޮޅަށް ކުޅުނީ ރީތި ރަށުންނެވެ. ނަތީޖާއަކަށްވީ ފަސޭހަކަމާއެކު މި ސެޓު ކާމިޔާބުކޮށް، ރީތި ރަށުން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ރީތި ރަށަކީ މިދިޔަ އަހަރު ބޭއްވި ރިސޯޓު ވޮލީ ޗެމްޕިއަންޝިޕުގެވެސް ޗެމްޕިއަނުންނެވެ.
މުބާރާތުގެ ފައިނަލަށް ރީތި ރަށް ދަތުރުކުރީ ޒޯން ބުރުގައި ނުވަތަ ލީގު ބުރުގައި، މާލޭ އުތުރު ލީގުގެ ރަނަރަޕްގެ ގޮތުގައި ޗެމްޕިއަންޝިޕުގެ ޖާގައެއް ހޯދައި، ސެމީ ފައިނަލުގައި އޯޒެން ރިޒާވް ބޮލިފުށި 1-3 ސެޓުން ބަލިކޮށްގެންނެވެ. ބަނޑޮހަކީ ލީގު ބުރުގެ ފައިނަލުގައި ރީތި ރަށް ބަލިކޮށް، މާލެ އުތުރު ލީގުގެ ޗެމްޕިއަންކަން ހޯދި ޓީމެވެ. ފައިނަލުގެ ޖާގައެއް ބަނޑޮހުން ހޯދީ ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގައި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ބަލިކޮށްގެނެނެވެ.
ޖެހިޖެހިގެން ދެވަނަ ފަހަރަށް ރިސޯޓު ވޮލީ ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ރީތި ރަށުން މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރީތި ރަށުގެ ކަވިޝްކާ މަޑުސަންކާއެވެ. އޭނާ ވަނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ވެސް މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަވިޝްކާއެވެ.
މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ ބަނޑޮހުގެ ޕްރަދީޕާއި ކަވިޝްކާގެ އިތުރުން ރީތި ރަށުގެ ކަވިޝްކާ، ދަނުޝްކާ އަދި އާދަމް ޚަލީލާއި ޔައިޝް އެވެ. ބެސްޓް ލިބަރޯ އަކަށް ހޮވުނީ ރީތި ރަށުގެ ކެޕްޓަން، ނަބީލެވެ.
މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ބޮލިފުށީގެ ބިލާލްއެވެ. ފޭން ފޭވަރިޓަކަށް ހޮވުނީ ވެސް އޭނާއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ރީތި ރަށުގެ ސުމިތެވެ.