ޚަބަރު

ސާފްގެ އެކްސްކޯއަށް އެފްއޭއެމްގެ ނައިބު ރައީސް ޝާފިއު


  • ޝާފިއު މަޤާމަށް އިންތިޚާބުކުރީ ސާފްގެ އޯޑިނަރީ ކޮންގްރެސްގައި

  • ކޮންގްރެސް އޮތީ މިއަދު ބޫޓާނުގައި

ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް) ގެ އެގްޒެކިއުޓިވް ކޮމިޓީގެ މެމްބަރުކަމަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނައިބުރައީސް، ޙުސެއިން ޝާފިއު (ކޮކީ) އިންތިހާބުވެއްޖެއެވެ.

އޭނާ އެ މަގާމަށް އިންތިހާބުކުރީ ހޮނިހިރު ދުވަހު އޮތް ސާފްގެ އޯޑިނަރީ ކޮންގްރެސްގައެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު އަދި އެންމެ ރަނގަޅު އުސޫލުތަކެއްގެ ތެރެއިން ހިންގާ އެއް ކުލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީއީއޯގެ މަގާމުގައިވެސް ހުންނެވި ޝާފިއު އަކީ، ފާއިތުވީ 10 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ފުޓުބޯޅަ ދުށް އެންމެ ހިންގުންތެރި އެއް އެޑްމިނިސްޓްރޭޓަރެވެ.

މާޒިޔާ ދުށް އެންމެ ކާމިޔާބު ދުވަސްތަކުގައި އެ ކުލަބު ހިންގުމާ ހަވާލުވެ ހުރީ ޝާފިއުއެވެ.

އެފްއޭއެމްގެ އެކްސްކޯގައި މީގެކުރިން ވެސް މަސައްކަތްކޮށްފައިވާ ޝާފިއު ވަނީ، އެ އެސޯސިއޭޝަންގެ އޭރުގެ ހިންގުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކަންތައްތަކާ ގުޅިގެން އެ މަގާމުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިސްތިއުފާ ދީފައެވެ.

އެހެންނަމަވެސް އެފްއޭއެމްގެ ޒައާމަތާ، އެ އެސޯސިއޭޝަންގެ މިހާރުގެ ރައީސް އަޙްމަދު ޠާރިޤް ހަވާލުވެވަޑައިގަތްފަހުން ޝާފިއު ވަނީ ނައިބުރައީސެއްގެ ގޮތުގައި އަލުން އެފްއޭއެމްގައި މަސައްކަތް ފަށާފައެވެ.