ޚަބަރު

މުލިއާގެއަށް ޙަމަލާދޭނެކަމަށް ބުނި 2 މީހަކު ހައްޔަރުކޮށްފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިރިއުޅުއްވާ ރަސްމީ ގެކޮޅު، މުލިއާގެއަށް ޙަމަލާ ދޭނެކަމަށް ބުނި ދެމީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

މިއަދު މުލީއާގެ ކައިރިއަށްގޮސް ދެމީހަކުވަނީ އެމީހުން އެވަގުތު ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތްކަމަށް ބުނެ އިންޒާރުދީފައެވެ. އަދި އެތަން ގޮއްވާލާނެ ކަމަށް ބުނުމާއެކު ސަލާމަތީ ބާރުތަކުންވަނީ އެމީހުން ހައްޔަރުކޮށްފަވެ.

އެންމެފުރަތަމަ އެދެމީހުން ހިފެހެއްޓީ މުލިއާގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ސިފައިންނެވެ. އަދި ވަގުތުން ފުލުހުންގެ ޚާއްސަ ޓީމެއް ވަނީ އެސަރަހައްދަށް އެމީހުން ގެންގުޅުނު ފޮށިގަނޑާއި އެމީހުން ބަލައި ފާސްކޮށް ދެމީހުން ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންކަމަށް މަޢުލޫމާތު ލިބެއެވެ.

މި ޙާދިސާއާގުޅިގެން ފުލުހުން ވިދާޅުވީ މުލީއާގެ ކައިރިއަށްދިޔަ ދެމީހަކު އެމީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތްކަމަށް ބުނެ އިންޒާރު ދިނުމާ ގުޅިގެން ފުލުހުންނާއި ސިފައިން އެސަރަޙައްދުގައި ހަރަކާތްތެރިވެފައި ވާކަމަށެވެ. އަދި އެދެމީހުން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.