ޚަބަރު

ފަތިސް ވަންދެން ބަޙުސްކުރުމަށްފަހު އިންކުއަރީ ރިޕޯޓު ފާސްކޮށްފި


މިދިޔަ މެއި މަހުގެ 6ވަނަ ދުވަހުގެ ރޭ ރައްޔިތުނމަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ޙަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދިޔަ "ޕާލަމެންޓްރީ އިންކުއަރީ" ރިޕޯޓު މަޖިލީހުން ފާސްކޮށްފިއެވެ.

ރައީސް ނަޝީދަށް ދައުލަތުގެ ފަރާތުން ފޯރުކޮށްދެމުންދާ ސަލާމަތާއި ރައްކާތެރިކަން ބަލިކަށިވިގޮތް ދެނެގަތުމަށްޓަކައި ކުރިއަށްގެންދިޔަ މި އިންކުއަރީގެ ރިޕޯޓު ފާސްކޮށްފައިވަނީ ރޭ ފަތިހުއެވެ.

މެއި މަހުގެ 6ވަނަ ދުވަހުގެ ރޭ ރައްޔިތުނމަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ޙަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށްގެންދިޔަ "ޕާލަމެންޓްރީ އިންކުއަރީ"ގެ ރިޕޯޓު ފާސްކުރުމަށްޓަކައި ބޭއްވި މަޖިލީހުގެ ޖަލްސާ ފެށީ ރޭ 8:30 ގައެވެ. ރޭގެ ޖަލްސާގައި މަޖިލީހުގެ މެމްބަރުން ވަނީ މި މައްސަލައާއި އަދި އިންކުއަރީ ކުރިއަށް ގެންދިއުމުގައި ފާހަގަކުރެވުނު ކަންކަމާ ގުޅޭގޮތުން ގިނައިރުތަކެއް ވަންދެން ބަޙުސްކުރައްވާފައެވެ. ގާތްގަނޑަކަށް 7 ގަޑިއަށް ރޭގެ ޖަލްސާ ދިގުދެމިގެން ދިޔައެވެ. ބަޙުސްގެ މަރުޙަލާއަށްފަހު ރޭފަތިހުވަނީ އިންކުއަރީ ރިޕޯޓު ފާސްކޮށްފައެވެ. މިރިޕޯޓު ފާސްކުރީ 58 މެމްބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދައުލަތުގެ ފަރާތުން ފޯރުކޮށްދެމުންދާ ސަލާމަތާއ ރައްކާތެރިކަން ބަލިކަށިވިގޮތް ދެނެގަތުމަށް މަޖިލީހުން ކުރިއަށް ގެންދިޔަ މި ޕާލަމެންޓްރީ އިންކުއަރީގެ މަސައްކަތް ކުރީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ، ނުވަތަ 241 ކޮމެޓީންނެވެ. އިންކުއަރީ ރިޕޯޓަށް ބަޙުސްކުރަން އެދިވަޑައިގެންނެވި ހުރިހާ މެމްބަރުންނަށް މަޖިލީހުގެ ރިޔާސަތުން ވަނީ އެފުރުސަތު ދެއްވާފައެވެ.

ރައީސް ނަޝީދަށް ދިން ޙަމަލާއާ ގުޅިގެން ކުރިއަށްދާ ތަހުޤީޤާއި އަދި އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މެމްބަރުންވަނީ ވާހަކަފުޅުދައްކަވަފައެވެ.

241 ކޮމެޓީން ކުރިއަށް ގެންދިޔަ ޕާލަމެންޓްރީ އިންކުއަރީއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި އެދެމުއައްސަސާގެ ވަކިވަކި މުވައްޒަފުންވެސް ކޮމިޓީއަށް ޙާޒިރުކުރިއެެވެ. އަދި ބައެއް ވަޒީރުންނާއި އެކިމުއައްސަސާތަކުގެ ވެރިންނާއި ކަމާގުޅޭ މުވައްޒަފުންވެސް ކޮމިޓީއަށް ޙާޒިރުކޮށްފައިވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މުއައްސަސާތަކުގެ މަސައްކަތް އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަމާއި މަޖިލީހުގެ ބައެއް ލަފަޔާއި އިރުޝާދު، ޖުމުލަ 271 ސަފްހާގެމައްޗަށް އެކުލެވޭ އިންކުއަރީ ރިޕޯޓްގައި ހިމަނާފައިވެއެވެ.