މާލެއާއި ހުޅުމާލެއާއި ހުޅުލޭގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. ސްޓެލްކޯއިން ވިދާޅުވީ މިއަދު ހެނދުނު ކަރަންޓު ކަނޑާލަންޖެހުނީ މިމަސައްކަތުގައި ސިނަމާލެ ބުރިޖުގެ މާލެއާ ވީކޮޅުން ކަނެކްޝަން ގުޅާލުމަށްކަމަށެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގައި ދިމާވާ ކަރަންޓުގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން އަންނަނީ ބިޔަ މަޝްރޫއެއް ހިންގަމުންނެވެ. މިމަޝްރޫއުގެ ދަށުން މާލެއާއި ހުޅުމާލެއާއި ހުޅުލެއާ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލާނެއެވެ. އެއާއެކު މިތިން ސަރަޙައްދުގެ ތެރެއިން އެއްވެސް ސަރަޙައްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވެ ކަރަންޓު ކެނޑޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އަނެއް ސަރަޙައްދުގައި ބަހައްޓާފައިވާ ގްރިޑު މެދުވެރިކޮށް އެތަނަކަށް ކަރަންޓު ދިނުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ. މިގޮތަށް ކަރަންޓު ދިނުމަށް ބޭނުންވާ މައި ކޭބަލް އަޅާފައިވަނީ ސިނަމާލޭ ބްރިޖު ދަށުންނެވެ. ޖުމްލަ 6 ކޭބަލް މެދުވެރިކޮށް މިތިން ސަރަޙައްދުގެ ކަރަންޓު ގުޅާލަން އަޅާފައިވާ އިންޓަރކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދެވޭނެ ނެޓްވޯކް ކޭބަލެކެވެ.
ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯއިން ވިދާޅުވީ މިމަޝްރޫޢުގެ ދަށުން 3 ސަރަޙައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރުތަކާއި ކަނެކްޝަންތައް ގުޅާލުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށެވެ. ހުކުރު ދުވަހުގެ ހެނދުނު 7:00އިން ފެށިގެން 9:00އާ ހަމައަށް މުޅި މާލެއިން ކަރަންޓު ކަނޑާލައި ކަނެކްޝަންގެ އެންމެ ފަހުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެއީ ބުރިޖުގެ މާލެއާވީ ކޮޅުން ކަނެކްޝަން ޓްރާންސްފޯމަރުތަކާ ގުޅާލުމުގެ މަސައްކަތެވެ. އަންނަ ހަފްތާގެ ހުކުރު ދުވަހު މި ކަނެކްޝަންތަކުގެ އެނެލިސިސްއެއް ހެދުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އެއާއެކު ކަރަންޓު ދިނުމުގައި އެއްވެސް މައްސަލައެއް ދިމާވޭތޯ ބަލައި އެކަމެއް ޙައްލުކުރެވޭނެކަމަށާ އޭގެފަހުން މިވިއުގަ ބޭނުންކުރަން ފެށޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
އެއްވިއުގައަކުން ކަރަންޓު ގުޅާލުމުގެ މަސައްކަތުގެ ދަށުން މާލެއާއި ހުޅުމާލޭގައިވަނީ 95 މެގަ ވޮޓްގެ ޓްރާންސްފޯމަރު ބަހައްޓާފައެވެ. އަދި ހުޅުލޭގައިވަނީ 8 މެގަ ވޮޓްގެ ޓްރާންސްފޯމަރެއް ބަހައްޓާފައެވެ. 45 މިލިއަން ޑޮލަރުގެ މިމަޝްރޫޢުގެ ދަށުން ހުރިހާ މަސައްކަތެއް ކުރަމުން އަންނީ ޗައިނާ ކުންފުންޏަކުންނެވެ. އަދި މަސައްކަތް ނިންމާ ޚިދުމަތް ދިނުމަށް ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯއާއެވެ.