މުނިފޫހިފިލުވުން

އަލިއާ ބަޓްވެސް ހޮލީވުޑަށް


ބޮލީވުޑްގެ ކާމިޔާބީއަށްފަހު އާލިއާބަޓް މިސްރާބު ހުރީ މިހާރު ހޮލީވުޑަށެވެ. ވިލިއަމް މޮރިސް އެންޑޯވަރ، ޑަބްލިޔުއެމްއީ ޓެލެންޓް އޭޖެންސީއަށް އާލިއާ ސޮއި ކުރި ވާހަކަ މިހާރު ދަނީ މީޑިއާތަކުގައި ދެކެވެމުންނެވެ.

ބެން އެފްލެކް، ޖެސިކާ އަލްބާ، ކްރިސްޓިއަން ބޭލް ، ކޭޓް ބެކިންސޭލް، މެޓް ޑޭމަން، ޖެނިފަރ ގާނަރ، ވޫޕީ ގޯލްޑް ބާރގް އަދި ޖޭކް ގައިލެންހާލް ފަދަ ހޮލީވުޑްގެ މަޝްހޫރު ތަރިންނަކީ މިހާރުވެސް އެ އޭޖެންސީ ތަމްސީލު ކުރާ ފަރާތްތަކެވެ.

"ސްޓޫޑަން އޮފް ދަ ޔިއަރ" އިން ފިލްމީ ކެރިއަރ ފެށި އާލިއާ ވަނީ "ހައިވޭ"، "ގަލީ ބޯއި" "އުޅުތާ ޕަންޖާބް" ފަދަ ރީތި ފިލްމުތަކުން ބެލުންތެރިންގެ މަޤުބޫލުކަން ހޯދާފައެވެ.

އާލިއާގެ ޕްރޮޑަކްޝަން ހައުސް އެޓާރނަލް ސަންޝައިން ޕްރޮޑަކްޝަން ލޯންޗުކޮށް ދާދިފަހުން ވަނީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ފިލްމު "ޑާލިންގްސް"ގެ މަސައްކަތްވެސް ފަށާފައެވެ.

ތެލުގޫ ފިލްމު "އާރްއާރްއާރް" އަކީ އާލިއާގެ ކުރިއަށް އޮތް ފިލްމެވެ. އެކްޓަރ ރާމް ޗަރަން އަދި ޖޭއާރް އެންޓީއާރް އާއިއެކު ފެނިގެންދާ މި ފިލްމަކީ އާލިއާގެ ފުރަތަމަ ތެލުގޫ ފިލްމެވެ. އާރްޔަން މުކަރްޖީގެ "ބްރަމްސްތްރާ" އަދި ކަރަން ޖޯހަރްގެ "ރޮކީ އައުރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީވެސް އާލިއާގެ ކުރިއަށް ހުރި ފިލްމުތަކެވެ.