ޚަބަރު

ކުޅުދުއްފުށީގައި ގަވާއިދާ ޚިލާފަށް އާންމު ސަރަހައްދުތަކަށް ދޫކޮށްފައި ހުރި ވެހިކަލްތައް ނަގަނީ


ގަވާއިދާ ޚިލާފަށް، ކުޅުދުއްފުށީގެ މަގުތަކާއި އާންމު ސަރަހައްދުތަކަށް، ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތަކާއި އުޅަނދުތަކުގެ ބައިތައް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނަގަން ފަށައިފިއެވެ. މިތަކެތި ނަގަން ފަށާފައިވަނީ މިތަކެތި 10 ދުވަސް ތެރޭ ނަގަން އާންމުކޮށް އަންގާ މިދިޔަ މަހު 27 ވަނަ ދުވަހު އިއުލާން ކުރުމަށްފަހުއެވެ.

ދިހަ ދުވަސްތެރޭގައި އެ ތަކެތި ނުނަގައިފިނަމަ އެންގުމަކާ ނުލައި އެތަކެތި ނަގައި ނައްތާލާނެކަން އަންގާފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ. އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ޚިލާފަށް އާންމު ތަންތަނާއި މަގުތަކުގައި ބަހައްޓާފައި ހުރި ގިނަ ދުވަސްވީ އުޅަނދުތަކާއި ބައިތައް ނެގުމުގެ މަސައްކަތްކުރަނީ ފުލުހުންނާ ގުޅިގެންނެވެ.

ކައުންސިލުން ބުނީ މި މަސައްކަތަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށެވެ. މި މަސައްކަތުގައި އެސްޓީއޯ ކުޅުދުއްފުށި ފިހާރަ އާއި ކުޅުދުއްފުށީ ޕޯޓް ލިމިޓެޑުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ކައުންސިލުން ޝުކުރުއަދާކުރެއެވެ.

މިގޮތަށް އެކި ސަރަހައްދުތަކަށް އުކާލާފައި ހުރި އުޅަނދުތަކެއް 2019 ވަނަ އަހަރުވެސް ކައުންސިލުން ވަނީ ނަގާފައެވެ.