ކުޅިވަރު

ރާއްޖޭގައި ބާއްވަން ނިންމި ބައިނަލްއަގުވާމީ ބެޑްމިންޓަންގެ ދެ މުބާރާތް ކެންސަލްކޮށްފި


ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބެޑްމިންޓަންގެ ބައިނަލްއަގުވާމީ ދެ މުބާރާތް ކެންސަލްކޮށްފިއެވެ.
ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ބައިނަލްއަގުވާމީ ދެ މުބާރާތަކީ އޮކްޓޫބަރު 4ކުން 10އަކަށް ކުރިއަށް ގެންދާ މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސް އާއި އޮކްޓޫބަރު 11 އިން 17އަށް ބާއްވަން ނިންމާފައިވާ މޯލްޑިވްސް އިންޓަނޭޝަނަލް ސީރީސްއެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ ރާއްޖޭގެ ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ދެ މުބާރާތް ކެންސަލް ކުރުމަށް ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގައި އެދުނީ މުބާރާތް ރާއްޖޭގައި މިވަގުތު ކުރިއަށް ގެންދެވެން ނެތުމުގެ ސަބަބުންކަމަށެވެ. މޫސަ ވިދާޅުވީ ރާއްޖޭގައި ދެ މުބާރާތް ކުރިއަށް ގެންދަން ބަލާއިރު، މިމުބާރާތުގައި ވާދަކުރާ ގިނަ ކުޅުންތެރިންނަކީ އޭޝިޔާގެ ގައުމުތަކުން ވާދަކުރާ ކުޅުންތެރިންކަމަށާއި އެގައުމުތަކުން ކުޅުންތެރިން އައުމުގައި ގިނަ އުދަގޫތަކެއް ހުރިކަން މިހާރު ވެސް ވަނީ ފާހަގަކުރެވިފައެވެ. ކޯވިޑް-19ގެ ކޭސްތައް ރާއްޖޭގައި މިވަގުތު މަދުވެ، އެޗްޕީއޭއިން ލުއިތަކެއް ދީފައިވީނަމަވެސް، އަދިވެސް އޭޝިޔާގެ ގައުމުތަކުގައި ކޯވިޑް-19ގެ ހަލަތު އެހާ ރަނގަޅު ނޫންކަމަށް މޫސަ ވިދާޅުވިއެވެ. އަދި މިސަހައްދުގެ 8 ވަރަކަށް ގައުމުގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ވެރިންވަނީ ނުރަސްމީކޮށް، މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސް އާއި މޯލްޑިވްސް އިންޓަނޭޝަނަލް ސީރީސް އަށް ކުޅުންތެރިން ނުފޮނުވޭނެކަމަށް ބުނެފައެވެ.

ބެޑްމިންޓަންގެ ދުނިޔޭގެ ފެޑެރޭޝަން ބީޑަބްލިއުއެފްގެ ކައުންސިލް މެމްބަރުކަމާއި ބެޑްމިންޓަން އޭޝިއާ އާއި ދެކުނު އޭޝިއާގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވަމުން އަންނަ މޫސަ ވިދާޅުވީ މަދު ކުޅުންތެރިންތަކެއް ލައިގެން މުބާރާތް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި ކުޅުންތެރިން އައުމުގައި ދަތި ތަކެއް ހުރުމުގެ އިތުރުން، މުބާރާތް ސްޕޮންސަރ ކުރާ ފަރާތްތަކުން ވެސް މިއަހަރުގެ މުބާރާތް ސްޕޮންސަރ ކުރުމުގައި ދަތިތަކެއް ހުރިކަން އަންގާފައިވާކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުސާ ނާޝިދު ވިދާޅުވިއެވެ. އަދި މިމުބާރާތް މިހާރު ކެންސަލް ކުރުމާއި ގުޅިގެން މިއަހަރު ބެޑްމިންޓަން ބައިނަލްއަގުވާމީ މުބާރާތެއް ނޯންނާނެއެވެ.

ގިނަ އަހަރުތަކަށްފަހު ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤުވާމީ ބެޑްމިންޓަން މުބާރާތަކީ 2019 ވަނަ އަހަރުގައި ބޭއްވި މޯލްޑިވްސް ބޭއްވި ފިއުޗާ ސީރީސްއެވެ. އަދި އެ އަހަރު ބެޑްމިންޓަން ޗެލެންޖް ބާއްވާފައިވާއިރު އައްޑޫ ސިޓީގައި ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ މުބާރާތެއް ބާއްވާފައިވެއެވެ.
ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގައި ވެސް ވަނީ ބެޑްމިންޓަންގެ ގިނަ މުބާރާތްތަކެއް މިދިޔަ އަހަރު ކެންސަލްކޮށްފައެވެ. އަދި ކޯވިޑް-19 އާއި ގުޅިގެން ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކެއް ވެސް މިދިޔަ އަހަރު ކެންސަލްކޮށްފައިވާއިރު، ބައެއް މުބާރާތްތައް ވަނީ މިއަހަރަށް ފަސްކޮށްފައެވެ.