ކުޅިވަރު

3ވަނަ ޑިވިޝަން މުބާރާތް ފެށޭތޯ ބަލަނީ


އެފްއޭއެމް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މި މަހު ފަހުކޮޅު ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމުން ބުނެފިއެވެ.

މާލޭ ސަރައްހަދުގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ކުޅިވަރު މުބާރާތްތަކާއި ކުޅިވަރު ކުޅޭ ތަންތަން ބަންދުކޮށްފައެވެ. މިއާއެކު އެފްއޭއެމުން ވަނީ 3ވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގެ ކުޅުން ލަސްކޮށްފައެވެ. ކޯވިޑް-19އާއި ގުޅިގެން ލީގް ކުރުކޮށް، އެފްއޭ ކަޕްއާއި ޕްރެޒިޑެންޓްސް ކަޕް ވަނީ ކެންސަލްކޮށްފައެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން ވިދާޅުވީ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކުރިއަށް ގެންދެވޭނެ އެއްވެސް ފުރުޞަތެއް ލިބުނުނަމަ، އެމުބާރާތް ކުރިއަށް ގެންގޮސް ނިންމާނެކަމަށެވެ.

ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މެދުކަނޑާލަން އެފްއޭއެމުން ނިންމީ މިދިޔަ މެއި މަހު ހަތަރު ވަނަ ދުވަހުއެވެ. މިހާރު އެޗްޕީއޭއިން ދީފައިވާ ލުއިތަކާއިއެކު ކުޅިވަރު ކުޅޭ ތަންތަށް ހުޅުވުމުގެ ހުއްދަ ދީފައިވީނަމަވެސް، އަދިވެސް މުބާރާތްތައް ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައެއް ނުވެއެވެ. ނަމަވެސް ޓީމްތަކަށް މިހާރު ގައިޑް ލައިންގެ ތެރެއިން ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެކަމަށް އެފްއޭމުން މަޢުލުމާތުދީފައިވެއެވެ.