ޚަބަރު

3 ދާއިރާއަކުން އެލްޖީއޭގެ ބޯޑަށް ކަނޑައަޅާ މެމްބަރުންގެ ނަންތައް ކޮމެޓީއަށް


ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެމްބަރުން ކަނޑައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ތިން ދާއިރާއަކުން ކަނޑައެޅުމަށް ހުށަހެޅި 5 ބޭފުޅުންގެ ތެރޭގައި ހިމެނެނީ އަންހެން ބޭފުޅުންނެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެކުލެވިގެންވަނީ 9 މެމްބަރުންގެ މައްޗަށެވެ. ބޯޑުގައި މިހާރު މަދުވަނީ ޤާނޫނުގައި ކަނޑައަޅާފައިވާ ތިން ދާއިރާއަކުން ކަނޑައަޅަންޖެހޭ މެމްބަރުން ކަނޑައެޅުމެވެ. އެގޮތުން ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން ކަނބަލަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ މެންބަރެއްގެ އިތުރުން މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރެއް ކަނޑައެޅުމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

އެލްޖީއޭގެ ބޯޑަށް އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވި ނަންތައް


1. އަޒްހާ ޒަމީރު/ މ.ލިލީޒް - ޖެންޑާ އިކުއަލިޓީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރެއް.
2. އައިމިނަތު އަލީ/ ދަފްތަރު ނަންބަރު 2874 - ޖެންޑާ އިކުއަލިޓީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރެއް.
3. ފާތިމަތު ނިއުމާ/ ގަލޮޅު ހިމަލިޔާގެ - ގަވަނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރެއް.
4. ފާތިމަތު ޒީނާ އަލީ/ ހ.ރައިޒިން ސަން - މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރެއް.
5. އައިޝަތު ޝީޒާ/ ޝާޒީބިން، ބ.ކެންދޫ - މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރެއް.

މިބޭފުޅުންގެ ނަންފުޅުތައް ދިރާސާކުމަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ފޮނުވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުގެ އިތުރުން ދެން އެލްޖީއޭގެ ބޯޑުގައި ހިމެނޭނީ، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމްއިއްޔާގެ މެމްބަރަކާއި، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.