ރިޕޯޓް

މިނިވަންދުވަސް ފާހަގަކުރުމަށް މުޅި ރާއްޖެ ޝާމިލުވާ 18 ގަޑިއިރުގެ ޓީވީ ޕްރޮގްރާމެއް


މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް މުޅި ރާއްޖެ ޝާމިލުވާހެން 18 ގަޑިއިރުގެ ޓީވީ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަސް މިފަހަރު ކުލަގަދަގޮތެއްގައި ފާހަގަކުރުމުގެގޮތުން ކުރިއަށްގެންދާ ޓީވީ ޕްރޮގްރާމަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއާއި ގުޅިގެން، ގިނަ މުއައްސަސާތަކެއްގެ ބައިވެރިވުމާއެކު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއްކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ގެނެސްދޭ ޓީވީ ޕްރޮގްރާމަށް ދީފައިވަނީ "މިނިވަން އުފާ މުޅިރާއްޖެއިން" މި ނަމެވެ. ހޯމް މިނިސްޓްރީން ވިދާޅުވީ، މިނިވަން ދުވަހުގެ މިއަހަރުގެ ހުރިހާ ހަރަކާތެއްވެސް ގުޅުވާލާފައިވާނީ "މިނިވަންކަމުގެ އުފާވެރިކަން، މުޖުތަމަޢުގެ ބަދަހިކަން" މި ޝިއާރާކަމަށެވެ. އަދި މިއަހަރު ޓީވީ ޕްރޮގްރާމެއްގެ ސިފައިގައި މިނިވަން ދުވަހުގެ ހަރަކާތްތައް ގެނެސްދޭން ނިންމާފައިވަނީ އެހެން އަހަރުތަކާ ޚިލާފަށް ކޯވިޑް-19ގެ ސަބަބުން ގިނަ ބަޔަކު އެއްތަނަކަށް އެއްވެގެން ކުޅިވަރުތަކާއި އައިޓަމްތައް ހުށަހެޅުމަކީ ރައްކާތެރިކަމަކަށްނުވާނެތީކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. ނަމަވެސް މި ޕްރޮގްރާމްވެގެންދާނީ ރާއްޖޭގެ ހުރިހާ ރަށެއް ތަމްޞީލުވާނެހެން، އެކި އުމުރުފުރާތަކުގެ އާއްމުން ޝައުގުވެރިވާނެ ތަފާތު ކޮންޓެންޓުތަކެއް ގެނެސްދޭނެ ޕްރޮގްރާމަކަށްކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު ޢީސާ ވިދާޅުވީ، މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެ މިނިސްޓްރީން ހުޅުވާލި ފުރުޞަތުގައި ރަށްރަށާއި ސްކޫލުތަކުގެ ފަރާތުން ވަރަށް ފުރިހަމަ ތަރުޚީބެއް ލިބިގެންދިޔަކަމަށެވެ. އަދި އެ ފަރާތްތަކުން ގެނެސްދޭން ބޭނުންވާ ސަޤާފަތާއި ތާރީޚާއި ގުޅުން ހުރި ހަރަކާތްތަކާއި، އެކި ކަހަލަ ހުނަރު ދައްކާލުމުގެ އައިޓަމްތައް ވަގުތުވީ މިންވަރަކުން ޓީވީ ޕްރޮގްރާމުގެ ތެރެއިން ގެނެސްދެމުންދާނެކަމަށެވެ.

މާހިރު ވިދާޅުވީ، ރަށްރަށުން ފޮނުވާ ވީޑިއޯތަކުގެ އިތުރުން، ސްޓޫޑިއޯއަށް މެހެމާނުން ގެނެސްގެން މިނިވަން ދުވަހާގުޅޭ ތަފާތު މަޢުލޫމާތު ގެނެސްދިނުމާއި، ދުވަހާގުޅިގެން މާލޭގެ އެކި ސަރަޙައްދުތަކުގައި ހިންގާ ތަފާތު ހަރަކާތްތައްވެސް މި ޓީވީ ޕްރޮގްރާމުން ގެނެސްދޭނެކަމަށެވެ. އެގޮތުން ބޭރުމަގުގައި ހުންނަ ސްޓެލްކޯގެ ފާރުގައި ކުރެހުމަށް ކުރިއަށްގެންދާ ޚާއްސަ ހަރަކާތް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ކުރެހުމުގެ ހަރަކާތް އަޅުގަނޑު ޤަބޫލުކުރަނީ ފުދޭވަރެއްގެ ރަނގަޅު ހަރަކާތެއްކަމަށް. އަދި އަޅުގަނޑުމެންގެ މި ޖީލަށާއި، އަޅުގަނޑުމެންގެ ޅަ ދަރިންނަށް އަޅުގަނޑުމެންގެ ކާބަފައިން މިނިވަންކަމަށްޓަކާ ކުރި ބުރަ މަސައްކަތަކުގެ ވަރަށް ބޮޑު އެއްޗެއް އެނގިގެންދާނެކަމަށް. އަދި އޭގެ ސަބަބުން ޅަ ދަރިންގެ ހިތްތަކުގައި ޤައުމަށްޓަކާ ލޯބި އުފެދި، ޤައުމުގެ މިނިވަންކަމަށް މަސައްކަތް ކުރުމަށް ޝަޢުގުވެރިކަމާއި އަޒުމު ވަރުގަދަވެގެންދާނެ" މާހިރު ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކާއި ގުޅޭގޮތުން، މިކަންކަން އިންތިޒާމްކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ، ހޯމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަރުޝަދު އަޝްރަފް ވިދާޅުވީ، "މިނިވަން އުފާ މުޅިރާއްޖެއިން" ޓީވީ ޕްރޮގްރާމުން ރާއްޖޭގެ މުއްސަނދި ތާރީޚާއި ސަޤާފަތް ވަރަށް ބޮޑަށް ރަމްޒު ވެގެންދާނެކަމަށެވެ. އަދި ރާއްޖޭގެ އެކި ރަށްރަށަށް ޚާއްސަ ކަންކަމާއި، ކުޅިވަރުތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ދައްކުވައިދޭ ޝަޢުގުވެރި ކޮންޓެންޓުތަކެއް ގެނެސްދެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަރުޝަދު ވިދާޅުވީ، ހޯމް މިނިސްޓްރީގެ މި ހަރަކާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި ސްކޫލުތަކުން އެކަނިވެސް 600 އެއްހާ ދަރިވަރުން ހިމެނޭ އައިޓަމްތައް ގެނެސްދިނުމުގެ ޝަޢުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އަދި ރަށްރަށުންވެސް ގިނަ ޢަދަދެއްގެ އައިޓަމްތައް ގެނެސްދޭން ބޭނުންވެގެން އެދިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޓީވީ ޕްރޮގްރާމެއްގެ ތެރޭގައި މި ހުރިހާ އައިޓަމްތަކެއް ގެނެސްނުދެވޭނެތީ، އެ ފަރާތްތަކުން ފޮނުވާ މެޓީރިއަލްތައް ބޭނުންކުރެވޭނެ އިތުރު އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް މާހިރު ވިދާޅުވިއެވެ.

ރަށްރަށުން ގެނެސްދޭ ހަރަކާތްތަކަކީވެސް ކޯވިޑާގުޅިގެން އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ ގައިޑްލައިންތަކަށް ފެތޭނެހެން ގެނެސްދެވޭ ހަރަކާތްތަކަކަށް ހެއްދެވުމަށް މިނިސްޓްރީން އެ ފަރާތްތަކަށް އިލްތިމާސްކުރައްވާނެކަމަށްވެސް މާހިރު ވިދާޅުވިއެވެ.

"ރަށްތަކުގެ ކައުންސިލްތަކަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އިލްތިމާސްކޮށްފައިވާނެ މި ހަރަކާތްތައް ކުރިއަށްގެންދާއިރު އެޗް.ޕީ.އޭއިން ދީފައިވާ އިރުޝާދާ އެއްގޮތަށް އެ ސަރަޙައްދުތަކުގައި އެ ހަރަކާތެއް ކުރިއަށްގެންދާއިރުގައި ޢަމަލުކުރަން. އަދި މޮނިޓަރިންގައި ޙާލަތުގައި އޮތް ރަށެއްނަމަ، ކައުންސިލުގެ އިސްވެރިއެއްގެ ނޫނިއްޔާ އިސް ރަށްވެއްސެއްގެ މެސެޖެއްވިޔަސް އެރަށެއްގެ ބައިވެރިވުން މީގައި ހިމަނަން ބޭނުންވާކަން" އަރުޝަދު ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ މުނާޞަބަތުގައި ބާއްވާ ދިދަނެގުމުގެ ހަރަކާތް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ދުވަހުގެ ހެނދުނު 10 ޖަހާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޤައުމާ މުޚާޠަބުކުރައްވާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ޕީ.އެސް.އެމްއާއި ގުޅިގެން ގެނެސްދޭ ޓީވީ ޕްރޮގްރާމުގެ ތެރެއިން އެމް.އެން.ޑީ.އެފާއި ފުލުހުންގެ ތަފާތު ހުނަރުތައް ދައްކާލުމާއި، މިއުޒިކާއި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ އެކި ފަންނާނުގެ ހިތްގައިމު ހުށަހެޅުންތަކެއްވެސް ފެނިގެންދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.