ޚަބަރު

މިޔަރު އުރަހަތަކެއް ބޭރުކުރަން އުޅުނު މައްސަލައެއްގައި 2 މީހެއްގެ މައްޗަށް ދައުވާކޮށްފި


ޤަވާއިދާ ޚިލާފަށް މިޔަރު އުރަހަ އެކްސްޕޯޓްކުރަން އުޅުނުބަޔަކާއި ދެކޮޅަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ދަޢުވާ އުފުލައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، މިއަހަރުގެ ޖަނަވަރީމަހުގެ ތެރޭގައި ސިއްރުން ގިނަ ޢަދަދެއްގެ މިޔަރު އުރަހަތަކެއް ދިވެހިރާއްޖެއިން ބޭރުކުރަން އުޅުނު މައްސަލައިގައި 2 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ. މި މައްސަލައިގައި ދަޢުވާ އުފުލާފައިވަނީ މ. ސެންޓްރޯސެމާ، ޢައްބާސް ޢަބްދުﷲއާއި، ހދ. ކުޅުދުއްފުށި، ކިރުދޫނިގެ، އަޙްމަދު މުޙައްމަދުގެ މައްޗަށެވެ. މި 2 މީހުންގެ މައްޗަށް 3 ދައުވާއެއް ވަނީ އުފުލާފައެވެ.

އެއީ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުން، ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރު ކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 313 ވަނަ މާއްދާގެ ދަށުން، އޮޅުވާލުމުގެ ޢަމަލެއްކުރުމުގެ ކުށުގެ ދަޢުވާގެ އިތުރުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 521 ވަނަ މާއްދާގެ ދަށުން، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މި މައްސަލާއި ގުޅުންހުރި އިތުރު މީހުން ހޯދުމަށް ކަމާގުޅޭ ފަރާތްތަކާއެކު ޖޮއިންްޓް އިންވެސްޓިގޭޝަނެއް ފަށާފައިވާކަމަށެވެ.

އޮޅުވާލައިގެން ރާއްޖެއިން ބޭރުކުރަން އުޅުނު، ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް ކަސްޓަމްސްއިން ހިފަހައްޓާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ކުރީކޮޅުގައެވެ. މި ތަކެތި ހިފަހައްޓާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. 21 ފޮށްޓެއްގައި ބަންދުކޮށްގެން، 429 ކިލޯގެ މިޔަރު އުރަހަ ރާއްޖެއިން ބޭރުކުރަން މަސައްކަތްކޮށްފައިވަނީ، ލޮނުމަހުގެ ޝިޕްމަންޓެއްގެ ގޮތުގައެވެ.

މިޔަރުގެ ބާވަތްތައް ހިފުން ރާއްޖޭގައި މުޅިން މަނާކޮށްފައިވަނީ 2010ވަނަ އަހަރުއެވެ. މިޔަރު ހިފުން މަނާކުރީ އޭގެ ސަބަބުން ފަތުރުވެރިކަމާއި އިޤްޞާދަށް ކުރާ އަސަރު ކުޑަކުރުމަށެވެ. މިޔަރު އުޅޭ މާޙައުލު ބަލަން ދިއުމަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ކަމެކެވެ.

މިއަހަރުގެ މާރިޗުމަހުގެ ތެރޭގައިވެސް ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި އދ. އަތޮޅުން މިޔަރު މަސްވެރިކަން ކުރާ އުޅަނދެއް ގިނަ ޢަދަދެއްގެ މިޔަރާއެކު ވަނީ އަތުލައިގަނެފައެވެ.

ޤަވާއިދާ ޚިލާފަށް މިޔަރުގެ މަސްވެރިކަން ކުރުމާއި، މިޔަރު މަހާއި އުރަހަ ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ކަޅުބާޒާރެއް ރާއްޖޭގައި މިހާރު ހިނގަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ހާމަކުރައްވާފައިވެއެވެ. އަދި ކަޅުބާޒާރެއްގެ ތެރެއިން މިޔަރުގެ ބާވަތްތައް ގަނެ އެކްސްޕޯޓް ކުރަމުންދާކަމުގެ މަޢުލޫމާތުވެސް މިނިސްޓްރީއަށް ލިބިފައިވާކަމަށްވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ކަމާގުޅޭ ދަޢުލަތުގެ އެކި އިދާރާތަކުގެ މެދުގައި މަޝްވަރާކޮށް، ވަގަށް ކުރާ މިޔަރުގެ މަސްވެރިކަން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅާފައެވެ.

އެގޮތުން، މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭ މަރުހަލާގައި ވަކި ބާވަތްތަކެއް އެކްސްޕޯޓްގެ ހުރިހާ ފޮށިތަކެއް ބަލައި ފާސްކުރުމާއި، މިޔަރު މަސްވެރިކަން ކުރާ ކަމަށް ބެލެވިފައިވާ ސަރަޙައްދުތަކަށް އަމާޒުކޮށް ފުލުހުންނާއި ކޯސްޓްގާޑްގެ ފަރާތުން އެ ސަރަޙައްދުތަކުގެ ޕެޓްރޯލްތައްވެސް ވަރުގަދު ކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިޔަރުގެ މަސްވެރިކަން ކުރާކަމުގެ ރިޕޯޓް ލިބޭ ރަށްރަށާއި، ސަރަހައްދުތަކުގެ މަޢުލޫމާތު ކަމާގުޅޭ އިދާރާތަކާ ޙިއްޞާކުރުމާއި، އެފަދައިން ހިފެހެއްޓޭ އުޅަނދުފަހަރާއި ފަރާތްތަކުގެ މައްސަލަތައް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ތަޙުޤީޤުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.