ޚަބަރު

ބޮމުގެ ހަމަލާގައި ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމަށް ކުޑަކޮށްވެސް ޤަބޫލެއްނުކުރަން: ރައީސް ނަޝީދު


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ނުރައްކާތެރި ޓެރަރިސްޓް ޙަމަލާގެ ފަހަތުގައި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އޮވެދާނެކަމަކަށް ކުޑަކޮށްވެސް ޤަބޫލުފުޅު ނުކުރައްވާކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް، ބޭއްވި "އާސްކް ސްޕީކަރ"ގެ 3 ވަނަ ޕްރޮގްރާމުގައި އިނގިރޭސިވިލާތުގައި ހުންނަވާ ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިދިޔަ މެއިމަހުގެ 6 ވަނަ ދުވަހުގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އެ ހަމަލާގައި ސަރުކާރުގެ އަތެއް އޮވެދާނެކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ޙަމަލާގެ ފަހަތުގައި މި ސަރުކާރުގެ ބައިވެރިވުމަށް އޮވެދާނެކަމަށް ކުޑަކޮށްވެސް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ. އަދި އެމަނިކުފާނަކީވެސް ހުދު މި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއްކަމަށާއި، ވެރިކަމުގައި ހުންނެވީވެސް އެމަނިކުފާނުގެ ޕާޓީގެ ރައީސްކަމަށްވެފައި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމް.ޑީ.ޕީގެ އަތުގައިކަމުން، އެމް.ޑީ.ޕީގެ ސަރުކާރުގެ ބައިވެރިވުން މިކަމުގައި އޮވެދާނެކަމަށް ޤަބޫލުފުޅުކުރައްވަން އުނދަގޫކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ކުޑަކޮށްވެސް ޤަބޫލެއް ނުކުރާނަން ސަރުކާރުގެ ބައިވެރިވުމެއް އޮވެގެނެއް ދެވުނު ހަމަލާއެއްކަމަކަށް. ހުރިހާ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ އަޅުގަނޑަކީވެސް ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއްކަން. އަޅުގަނޑުގެ ޕާޓީގެ ރައީސް ރައީސްކަމުގައި އެ ހުންނެވި. އަދި އަޅުގަނޑުމެން ޕާޓީގެ އަޣުލަބިއްޔަތު މަޖިލީހުގައި މިއޮތީ. އެމް.ޑީ.ޕީގެ ސަރުކާރުގެ ބައިވެރިވުން އޮވެގެން ދެވުނު ހަމަލާއެއްކަމަށް ދެކެން އަޅުގަނޑަށް ވަރަށް ބޮޑަށް އުނދަގޫ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މި ޙަމަލާގެ ތަޙްޤީޤު ފުރިހަމަވެގެންދާއިރު މިކަމުގެ އަސްލަށް ދެވެންވާނެކަމަށެވެ. އަދި މިއީ އެންމެ 4 މީހުންވެގެން ކުރިކަމެއްކަމަށް ދެކެވަޑައިނުގަންނަވާކަމަށާއި، މިކަން ރޭވުމުގައި ބައިވެރިވި މީހުންނާއި، މިކަމަށް ޚަރަދުކުރި މީހުންވެސް ހޯދަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަންކަން ފުލުހުންގެ ތަޙްޤީޤުން ނުހޯދިއްޖެނަމަ، ދިވެހި ސަރުކާރާމެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ވަރަށް ބޮޑަށް ގެއްލިގެންދާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ފުލުހުންގެ ތަޙްޤީޤަށް އެއްވެސް ފަރާތަކުން އެއްވެސް ނުފޫޒެއް ފޯރުވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"މިހާރު ރާއްޖޭގެ ޤާނޫނު އޮތްގޮތުން ތަޙްޤީޤީ އިދާރާއަކުން ހިންގާ ތަޙްޤީޤު ވާންޖެހޭނީ ވަރަށް ފުރިހަމަ ތަޙްޤީޤަކަށް. އެ ތަޙްޤީޤަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައިގެންނުވާނެ. އެއީ ހޯމް މިނިސްޓަރަށްވިޔަސް، އަދި ރައީސުލްޖުމްހޫރިއްޔާއަށްވިޔަސް، އަދި އެހެން ބޭފުޅަކަށްވިޔަސް. ތަޙްޤީޤު ރަނގަޅަށް ހިނގަންޖެހޭނެ. އަޅުގަނޑުގެ ނަޒަރުގައި ތަޙްޤީޤުން މިކަން ހިންގި ބަޔަކާއި، މިކަން ރޭވި ބަޔަކާއި، މިކަމަށް ޚަރަދުކުރި ބަޔަކު ހޯދި، އެމީހުންގެ މައްޗަށް ދަޢުވާ އުފުލި، އެމީހުންނަށް ހައްޤު އަދަބު ލިބެންޖެހޭނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޙަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ޢަމަލުކުރި ގޮތާއި، ޕޮލިސް ކޮމިޝަނަރާއި، ޑިފެންސް މިނިސްޓަރާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެކަންކަމުގެ ހަޤީޤަތް އެނގިގެން ދާނީ މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީ ނިމުމުންކަމަށެވެ. އެހެންނަމަވެސް މި ތަޙްޤީޤު ވީހާވެސް ފުރިހަމަކޮށް ކުރިއަށް ގެންދިއުމަށްޓަކާ މިހާރަށްވުރެ ބޮޑަށް ބޭރު ޤައުމުތަކުގެ ޓެކްނިކަލް އެހީތެރިކަން ބޭނުންވާކަމަށް ޤަބޫލުފުޅުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ މެއިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށްދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި، އެމަނިކުފާނުގެ ހަށިކޮޅަށް ވަނީ ބޮޑެތި ޒަޙަމްތަކެއް ލިބިވަޑައިގެންފައެވެ. އެ ޒަޙަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު، އެމަނިކުފާނު ވަނީ ޖަރުމަނުވިލާތުންވެސް ފަރުވާ ހޯއްދަވާފައެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ އިތުރު ޞިއްޙީ ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައެވެ.

ހަމަލާގެ ތަހުޤީޤް ކުރިއަށްދާއިރު، އެމައްސަލައިގައި 5 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.