ޚަބަރު

ދިއްދޫގައި ފިޔަވަޅުތައް ވަރުގަދަކޮށް، 12 ގަޑިއިރު ކާފިއު ހިންގަން ނިންމައިފި


ކޯވިޑާއި ގުޅިގެން ދިއްދޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް 12 ގަޑިއިރު ކާފިއު ހިންގަން އެރަށު ކައުންސިލުން ނިންމައިފިއެވެ.

މިމަހުގެ 24 ވަނަ ދުވަހު ހޯމް ކަރަންޓީނުގައި ނެތް ފަރާތެއް ދިއްދޫން ޕޮޒިޓިވްވުމާއި އެރަށު ކައުންސިލް އިދާރާއިން ވަނީ އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ.

ދިއްދޫ ކައުންސިލް ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، އެރަށުގައި ގިނަބަޔަކު ކޮވިޑަށް ފައްސިވުމުން، މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށް އެރަށުގައި 12 ގަޑިއިރު ވަންދެން ކާފިއު ހިންގައި، ރަށް ފުރަބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކާފިއު ހިންގަން ނިންމާފައިވާނި ހަވީރު 4:00 ފަތިހު 4:00 ހަމައަށްކަމަށް ކައުންސިލުން ބުނެއެވެ. މީގެ ކުރިން ދިއްދޫގައި ކާފިއު ހިންގަމުން އައީ ހަވީރު 4:00 ން 6:00 އަދި ރޭގަނޑު 9:00 ފަތިހު 4:00 އަށެވެ.

ދިއްދޫ ކައުންސިލުން ބުނީ ހެނދުނު 7:00 އިން ފެށިގެން ހަވީރު 4:00 ހަމައަށް ފިހާރަތައް ހުޅުވައިގެން އެރަށުގައި ހިދުމަތް ދެވޭނެކަމަށެވެ. އަދި އާންމުން އެއްވުންތަކާއި ޕާޓީތައް ނުބޭއްވުމާއި، ކުޅިވަރު ކުޅޭ ތަންތަނަށް ނުދިޔުމަށް ވަނީ އަންގާފައެވެ. އަދި ހޯޓާ ރެސްޓޯރެންޓްތަކަށް ވެސް ދެވެނީ ހަމައެކަނި ޑެލިވަރީގެ ހިދުމަތްކަމަށާއި މި ދަނޑިވަޅުގައި އެރަށު ސެލޫންތަކާއި، ޖިމްތަކުގެ އިތުރުން ބޯކޮށާ ތަންތަން ބަންދުކުރުމަށްވެސް ވަނީ އަންގާފައެވެ. އަދި ޑެލިވަރީގެ ހިދުމަތް ދޭ ފަރާތްތަަކުން ޕޮލިސް ޕޯޓަލްގެ ތެރެއިިން ދީފައިވާ ފާސް ބޭނުންކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައިވެއެވެ.

ބަލިން ރައްކާތެރިވުމުގެ ގޮތުން އާއްމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާއި ކޯވިޑް ބަލި ރައްޔިތުންގެ މެދުގައި ފެތުރުމުގެ ފުރުސަތު ބޮޑުވެފައިވާތީ، އެކަމަށް ރައްޔިތުން ސަމާލްވުމަށްވެސް ކައުންސިލް އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކަރަންޓީނުގައި ނެތް މީހަކު ދިއްދޫއިން ޕޮޒިޓިވްވުމާއި ގުޅިގެން ދިއްދޫއިން 326 ވުރެ ގިނަ ގެ ކަރަންޓީނު ކުރެވިފައިވާކަމަށް ހއ.ހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ. އަދި މިމަހުގެ 24 ވަނަ ދުވަހު އެރަށުން ފެނުނު ކޮވިޑްގެ ކޭސްއާއެކު މިހާތަނަށް އެރަށުން 106 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ކޮވިޑް ޖެހިގެން އެކަކު ވަނީ ނިޔާވެފައެވެ.