ވިޔަފާރި

އިޓަލީން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް ކެމްޕެއިނެއް


އިޓަލީވިލާތުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކޮށް، އެޤައުމުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ޓުއަރިޒްމޯ އެޓުއަލިޓާ އާއި އެކީ އީ.ލަރނިންގް ޕްރޮގްރާމްއެއް ފަށައިފިއެވެ.

މިކެމްޕޭނަކީ 1 އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކެމްޕޭނެކެވެ.

30000 އަށްވުރެ ގިނަ ޓްރެވެލް އެޖެންޓުންގެ ޑޭޓާބޭސްއަކާއެކު، ޓުއަރިޒްމޯ އެޓުއަލިޓާއަކީ އިޓަލީގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ތަމްރީނުތައް ހިންގާ އެންމެ ބޮޑުއެއް ފަރާތެވެ. މި ކެމްޕޭންގެ ތެރެއިން މި ޑޭޓާބޭސް ގައި ހިމެނޭ އެޖެންޓުންނަށް ރާއްޖެއާ ގުޅުން ހުރި ތަފާތު މަޢުލޫމާތު ހިއްސާކުރާނެއެވެ.

އެގޮތުން ޖުމުލަ 10 ސެޝަން އެއްގައި ރާއްޖޭގެ މައުލޫމާތުތައް ދިނުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ސެޝަނެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅޭ މަޢުޟޫއަކަށް، ކުއިޒްތަކާއި، ފޮޓޯ އަދި ވީޑިއޯ ހިމަނައިގެން މައުލޫމާތުދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

ޕްރޮގްރާމްގައި ހިމެނޭ މަޢުޟޫތަކަށް ބަލާއިރު، ރޮމެންޓިކް ގެޓަވޭސްއާއި، ކަނޑުއަޑީގައި ރާއްޖޭގައި ކުރެވޭނެ ތަޖުރިބާތަކާއި އާއިލާއެކު ޗުއްޓީ ހޭދަކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަން ހިމެނެއެވެ.

ކެމްޕޭން ކުރިއަށްގެންދާ މުއްދަތުގެ ތެރޭގައި ޓުއަރިޒްމޯ އެޓުއަލިޓާގެ ސޯޝަލް މީޑިއާ އަދި ވެބް ޕޭޖްތަކުގެ އިތުރުން، ކޮންމެ މަހަކު ނެރޭ ނިއުސްލެޓާގައި ރާއްޖެ އިޝްތިހާރުކުރާނެއެވެ.

މި ހަރަކާތަކީ އެމްއެމްޕީއާރުސީން އިޓަލީގައި ރާއްޖޭގެ ބްރޭންޑް ވަރުގަދަކޮށް އިތުރު ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް އެކި އެކި ޕްލެޓްފޯމްތަކުގައި ދައްކާލުމަށް ހިންގާ ކެމްޕޭނެކެވެ. މިގޮތުން މި ކެމްޕޭނުގެ ތެރެއިން ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ހޮޓަލްތަކާއި ލިވަބޯޑްތައް އިޝްތިހާރުކުރާނެކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

އިޓަލީއަކީ ކޯވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަމުން ދިޔަ އެއް ޤައުމެވެ. އެގޮތުން 2019 ވަނަ އަހަރު އެޤައުމުން ރާއްޖެއަށް 136343 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 29.5 އިންސައްތަ އިތުރު އަދަދެކެވެ.