ސިޔާސީ

އެމްޑީޕީން ބާއްވާ މުޒާހަރާ


00:38 ފުލުހުން މުޒާހަރާ ރޫޅާލުމުން އެމްޑީޕީގެ މުޒާހަރާ ނިމިއްޖެއެވެ. މުޒާހަރާގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ. އަދި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއްވެސް ނުވެއެވެ. އަދި މާލެތެރޭގެ އާއްމު ހާލަތަށްވެސް އެއްވެސް ބަދަލެއް ނާދައެވެ. 23:47 މުޒާހަރާ ރޫޅާލުމުން މުޒާހަރާގެ ބައިވެރިން މަގުތަކަށް ނިކުމެ ހިނގަން ފަށައިފިއެވެ. މާލެތެރެ އަމާންކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިކަަމަށް ފުލުހުން މައުލޫމާތުދެއެވެ. 23:42 މުޒާހަރާގެ ބައިވެރިން އާރޓިފިޝަލް ބީޗް ސަރަޙައްދު ދޫކޮށް ހިނގައްޖެއެވެ. އެސަރަޙައްދުގައި މިހާރު ތިބީ މަދު ބައެއްކަމަށް ޕީއެސްއެމްގެ ރިޕޯޓަރ މައުލޫމާތުދެއެވެ. އަދި މުޒާހަރާ ގާތްގަނޑަކަށް ނިމިފައިވާކަމަށްވެސް އޭނާ މަައުލޫމާތުދެއެވެ. 23:27 ފުލުހުންގެ އެންގުމާއި ޚިލާފަށް މަގުމައްޗަށް ނުކިޔަމަންތެރިކަން ދެއްކުމުން ފުލުހުން ޕެޕާރ ސްޕްރޭ ބޭނުންކޮށްފައިވެއެވެ. 23:17 މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިނުވާކަމަށް ފުލުހުން ޔަޤީންކޮށްދެއެވެ. 23:15 ފުލުހުން މުޒާހަރާ ރޫޅާލައިފިއެވެ. ފުލުހުން ދަނީ އާރޓިފިޝަލް ބީޗު ސަރަހައްދުން މީހުން ދުރަަށް ޖައްސަމުންނެވެ. މުޒާހަރާގެ ބައިވެރިންދަނީ ރާޅުގަނޑާއި ދިމާލަށް މިސްރާބު ޖަހަމުންނެވެ. 23:09 އެމްޑީޕީގެ ހަރުގެއިން އާރޓިފިޝަލް ބީޗުން ކަރަންޓު ކަނޑާލައިފިއެވެ. ފުލުހުން މިހާރު ދަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަމުންނެވެ. 23:06  ފުލުހުން އާރޓިފިޝަލް ބީޗަށް ވަދެއްޖެއެވެ. 22:46 ފުލުހުން މިހާރު ވަނީ އާރޓިފިޝަލް ބީޗާއި ދިމާލުން މަޖީދީ މަގު ބަންދުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ތިބީ އާރޓިފިޝަލް ބީޗާއި، ބޮޑު ތަކުރުފާނު މަގުގައެވެ. 22:35 މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނިކުތުމުން، މުޒާހަރާއަކީ ސުލްޙަވެރި މުޒާހަރާއެއް ނޫންކަމަށް ފުލުުހުން ކަނޑައަޅައިފިއެވެ. އަދި މުޒާހަރާގެ ބައިވެރިން އެސަރަޙައްދު ދޫކޮށް ދިއުމަށް ފުލުހުން އަންގަމުން އެބަދައެވެ. 22:30 މުޒާހަރާގެ ބައިވެރިން އާރޓިފިޝަލް ބީޗާއި ހަމައަށް ފަހަތަށް ޖައްސައިފިއެވެ. މުޒާހަރާ ކުރިއަށް ގެންދަން ބޭނުންނަމަ އާރޓިފިޝަލް ބީޗުގައި މުޒާހަރާ ކުރިއަށް ގެންދިއުމަށް ފުލުހުން މުޒާހަރާގެ ބައިވެރިންނަށް އަންގައިފިއެވެ.22:26 މުޒާހަރާގެ ބައިވެރިން އާރޓިފިޝަލް ބީޗާއި ދިމާލުން މަޖީދީމަގަށް ނިކުތުމުން، ފުލުހުން ދަނީ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަމުންނެވެ. 22:25 ފުލުހުންގެ ވާޖިބަށް ހުރަސް ނޭޅުމަށް، މުޒާހަރާގެ ބައިވެރިންނަށް ފުލުހުންދަނީ އިލްތިމާސްކުރަމުންނެވެ. 22:20 އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން އާރޓިިފިޝަލް ބީޗާއި ދިމާލުން މަޖީދީމަގަށް ނިކުމެއްޖެއެވެ. 22:10 އެމްޑީޕީގެ ބައިވެރިން މަގުމައްޗަށް ނިކުންނާނެކަމަށް ބުނުމުން ފުލުހުން މަޖީދީމަގު އާރޓިފިޝަލް ބީޗް ކައިރިން އުރީދޫ އޮފީސް ހުންނަ ސަރަހައްދު ބަންދުކޮށްފިއެވެ. 22:03  ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ދޫކޮށްނުލާނެކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އެމަނިކުފާން ވިދާޅުވީ އިންސާފު ކަނޑައަޅާނީ ސަރުކާރުން ނޫންކަމަށާ، އެކަން ކުރާނީ ޝަރުއީ ނިޒާމްގެ ތެރެއިންކަމަށެވެ. އެމަނިކުފާން މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް ނަޝީދާއި ހުކުމް ތަންފީޒުކުރަމުންދާ ސިޔާސީ އެހެން ބައެއް ބޭފުޅުން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީން ސަރުކާރަށް ޑިމާންޑްތަކެއް ހުށަހަޅާފައިވަނިކޮށެވެ. ހޯމް މިނިސްޓަރ ވިދާޅުވީ މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނިކުމެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އަޅާނެކަމަށެވެ. މުޒާހަރާގެ ބައިވެރިން ސަރުކާރަށް ހުށައެޅި ޑިމާންޑްތައް:-1- ރައީސް މުޙައްމަދު ނަޝީދު ވަގުތުން ވަގުތަށް ދޫކޮށްލުން.2- ކަރނަލް ނާޒިމާއި، ޝައިޚް ޢިމްރާން ޢަބްދުﷲ އާއި (ސިޔާސީ ސަބަބުތަކަށްޓަކައި) ހައްޔަރު ކުރެވި، ތަޙުޤީޤުކުރަމުންދާ، އަދި ދަޢުވާ އުފުލި ނުވަތަ ދަޢުވާ އުފުލުމުގެ މަގުމަތީގައިވާ، މީހުންގެ މައްސަލަތައް ކުރިއަށް ނުގެންދިޔުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ ޢިއްޒަތްތެރި މެމްބަރު އަލްމަރުޙޫމް ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައާއި  މިނިވަން ނޫހުގެ ނޫސްވެރިޔާ، އަޙުމަދު ރިޟްވާން ގެއްލުނު މައްސަލަ، އިތުބާރުހުރި ގޮތެއްގައި ތަޙްޤީޤުކުރުމަށާއި، (އަނިޔާވެރިވެ) ޤާނޫނީ ހަމަތަކުން ބޭރުން އެއްވެސް ދިވެހި ރައްޔިތަކާމެދު ޢަމަލު ނުކުރުން.3- އަދި ޤައުމުގެ ސިޔާސީ ކުރިމަގު އެކަށައެޅުމަށާއި، ޝަރުޢީ ނިޒާމާއި، ދައުލަތުގެ މުއައްސަސާތައް، އިޞްލާޙުކުރުމަށާއި، ކޮރަޕްޝަން ހުޓުވުމާމެދު ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރަން ފެއްޓެވުމާއި، އެކަން ހެޔޮގޮތުގައި ކުރިއަށް ގެންދިޔުން.    21:05 އެމްޑީޕީން ސަރުކާރަށް 3 ޑިމާންޑެއް ހުށައަޅައިފި20:19 މުޒާހަރާގެ ބައިވެރިންގެ ޑިމާންޑްތައް 20:30 ގައި ހުށަހަޅާނެކަމަށް ބުނެފިއެވެ. 19:46 ނަމާދު ވަގުތަށްފަހު މުޒާހަރާ އަނެއްކާވެސް ފަށައިގެން ކުރިއަށް އެބަދެއެވެ. ފުލުހުން ބުނީ އެސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދާކަމަށެވެ.  19:21 : މަސްތުގެ ހާލަތުގައި ހުރިކަމަށް ޝައްކުކުރެވޭ މީހަކު އާރޓިފިޝަލް ބީޗު ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.  18:52 : އައްޝައިޚް ހުސެއިން ރަޝީދު އަހްމަދު ދީނީނަސޭހަތް ނިންމަވާލައްވައިފިއެވެ.18:38 : މުޒާހަރާގެ ބައިވެރިންނަށް އައްޝައިޚް ހުސެއިން ރަޝީދު އަހްމަދު ދީނީނަސޭހަތް ދެއްވަން ފައްޓަވައިފިއެވެ. 18:06 : މުޒާހަރާ ހިނގާ ސަރަޙައްދަށް ކުޑަކުދިން ނުގެންދިއުމަށް ފުލުހުން ބެލެނިވެރިންނަށް އިލްތިމާސްކޮށްފިއެވެ.  17:58 މާލެ ފިޔަވާ ރާއްޖޭގެ އިތުރު ސަރަހައްދެއްގައި މުޒާހަރާ ކުރިއަށް ނުދާ ކަމަށް ފުލުހުން ބުނެއެވެ. 17:50 މުޒާހަރާގެ ބައިވެރިން މަޣްރިބް ނަމާދާއި އިޝާ ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އާރޓިފިޝަލް ބީޗުގައި ކަމަށް އިއުލާންކޮށްފިއެވެ.  17:47 މާލޭގެ އާއްމު ހާލަތު ރަނގަޅުކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ދަނީ މާލޭގެ މަގުތައް ޕެޓްެރޯލް ކުރަމުންކަމަށް ފުލުހުން ބުނެއެވެ. 17:45 މުޒާހަރާގައި މިހާރު ވާހަކަދައްކަމުން ދަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްއެވެ. 17:35 : މުޒާހަރާގައި ވާހަކަދައްކަމުންދާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި ގޮވާލަމުންދަނީ ޖިނާއީ މައްސަލަތަކުގައި ޙުުކުމް ތަންފީޒުކުރަމުންދާ ސިޔާސީ ފަރާތްތައް ދޫކޮށްލުމަށެވެ. 17:28 : ޝިދާތާ ޝަރީފް ވާހަކަދައްކާ ނިމިއްޖެއެވެ. މުޒާހަރާގައި މިހާރު ވާހަކަދައްކަމުންދަނީ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމްއެވެ. 17:19 : މުޒާހަރާގައި މިހާރު ވާހަކަދައްކަވަމުންދަނީ އަދާލަތު ޕާޓީގެ މެމްބަރު ޝިދާތާ ޝަރީފްއެވެ.16:59 : މުޒާހަރާގައި މިހާރު ކުރިއަށްދަނީ އެމްޑީގެ ޕާރލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިޙްގެ ވާހަކަފުޅުދެއްކެވުމެވެ. އާރޓިފިޝަލް ބީޗް ސަރަހައްދަށް އެއްވެސް އެއްގަމު އުޅަނދަކަށް ނުވަދެވޭނެގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާކަން ފާހަގަކޮށްލެވެއެވެ. ހޯމް މިނިސްޓަރ އުމަރު ނަސީރު ދެންމެ ކުރެއްވި ޓުވީޓެއްގައި އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާއަށް ރިއާޔަތްކޮށް ވިދާޅުވެފައިވަނީ، އެމްޑީޕީގެ މުޒާހަރާއަށް އެއްވި މީީހުންގެ އަދަދު މަދުކަަމަށެވެ.  16:58 :  އާޓިފިޝަލް ބީޗް ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ސަލާމަތީ ބާރުތަކުން އަންގާއެންގުމަށް މުޒާހަރާގެ ބައިވެރިން ތަބާވުމަށް ސަލާމަތީބާރުކުން އިލްތިމާސް ކުރެއެވެ.މައުލޫމާތުލިބޭގޮތުގައި އެމްޑީޕީން 13 ޑިމާންޑެއް މި މުޒާހަރާތެރެއިން ސަރުކާރަށް ހުށަހާޅާނެއެވެ. މުޒާހަރާ ކުރިއަށް ގެންދިޔުމަށް ހޯމް މިނސިްޓްރީން ދެއްވާފައިވާ މުހުލަތަކީ މިއަދު ހަވީރު ހަތަރަކުން ފެށިގެން މިރޭ ބާރަ ޖެހުމާއި ހަމައަށެވެ. އެހެންނަމަވެސް އެމްޑީޕީއިން ކުރިން ބުނެފައިވަނީ މުޒާހަރާ ކުރިއަށްގެންދާނީ، 73 ގަޑިއިރާއި 13 މިނެޓް ވަންދެނެވެ. 16:45 : އިދިކޮޅު ޕާޓީ އެމްޑީޕީން ބާއްވާ މުޒާހަރާ، ހެދި ގޮނޑުދޮށުގައި ފަށައިފިއެވެ.މި މުޒާހަރާ ފަށާފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުން މުޒާހަރާ ބާއްވާ ސަރަހައްދަށް ދިއުމުންނެވެ.މި މުޒާހަރާ މިރޭ ބާރަ ޖެހުމާއި ހަމައަށް ނިންމުމަށް ހޯމް މިނިސްޓްރީންވަނީ މުޒާހަރާ އިންތިޒާމްކުރާ ފަރާތަށް އަންގަވާފައެވެ. އަދި ފުލުހުންވަނީ މި މުޒާހަރާ ބޭއްވޭނީ ހަމައެކަނި ހެދި ގޮނޑުދޮށުގައި ކަމަށާއި މަގުމައްޗަށް މުޒާހަރާގެ ބައިވެރިން ނުނިކުތުމަށް އަންގަވާފައެވެ.މި މުޒާހަރާ އާއި ގުޅިގެން ހޯމް މިނިސްޓްރީންވަނި ބަޔާނެއްވެސް ނެރުއްވާފައެވެ. މި ބަޔާނުގައި، މުޒާހަރާގެ ތެރޭގައި، ހަމަނުޖެހުމަށާއި، ޖިނާއީ އަމަލުތަކަށް މަގުފަހިވާގޮތަށް ކަންކަން ކުރިއަށްދާނަމަ، އާއްމު ރައްޔިތުންގެ ސަލަމާތަށް ކުރަންޖެހޭ ކަންކަން ވަގުތުން ވަގުތަށް ކުރަމުންދާނޭކަމަށް ވިދާޅުވެފައިވެއެވެ.އަދި މުޒާހަރާ ކުރިއަށް ގެންދިއުމުގައި ޤާނޫނާއި ޤަވާއިދުތަކުގެ ތެރޭގައި އަމަލުތައް ބެހެއްޓުމަށްވެސް އެ މިނިސްޓްރީން ވަނީ ގޮވާލައްވާފައެވެ.އަދި މުޒާހަރާގައި ބައިވެރިނުވާ އެހެން ފަރުދުންނަށް ދަތިތަކާ ކުރިމަތިނުވާނޭ އަދި އެފަރާތްތަކުގެ ހައްޤުތައް ނުގެއްލޭނެހެން ކަންކަން ބެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރާނެކަމަށްވެސް  ހޯމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. މީގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށްވެސް ބަޔާނުގައިވެއެވެ.  ހޯމް މިނިސްޓްރީގެ ބަޔާނުގައި މުޒާހަރާ ސުލްޙަވެރިކަމާއި އެކު ކުރިއަށް ގެންދިއުމަށާއި، އެންމެހާ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އިލެކްޝަން ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް ވަނީ ގޮވާލައްވާފައެވެ.