ވިޔަފާރި

މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް މައްޗަށް


މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަށް ދައްކާގޮތުން، އަހަރުގެ މިހާތަނަށް މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށްވަނީ 28132 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ކޯވިޑްގެ ކުރިން 2019 ވަނަ އަހަރުގެ މި މުއްދަތުގައި މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް އައިސްފައިވަނީ 27679 ފަތުރުވުރިންނެވެ. އެހެން ކަމުން މިއަަހަރުގެ މިހާތަނަށް ރާއްޖެއަށް މެދުއިރުމަތީގެ ޤައުމުތަކުން އައި ފަތުރުވެރިންގެ އަދަދުވަނީ 1.6 އިންސައްތަ އިތުރުވެފައެވެ.

މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެފައިވާ މައިގަނޑު ސަބަބަކީ ސައުދީ އަރަބިއްޔާ އަދި ޔޫ.އޭ.އީއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 10721 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެެވެ. މީގެތެރެއިން 70 އިންސައްތައަކީ އެޤައުމުގެ ރައްވެހިންނެވެ. އަދި ބާކީ 30 އިންސައްތައަކީ އެޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނެވެ.

ޔޫއޭއީއަށް ބަލާލާއިރު، އެޤައުމުން ރާއްޖެއަށް 29689 ފަތުރުވެރިން ވަނީ އައިސްފައެވެ. ޔޫއޭއީއަކީ ގިނަ އަދަދަކަށް ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ޤައުމެކެވެ. އެހެންކަމުން ޔޫއޭއީއިން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ތެރޭގައި އެޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުން ހިމެނެއެވެ.

މެދުއިރުމަތީގެ 6 އެއަރލައިނަކުން ދަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އެ އެއަރލައިންތަކަކީ، އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ފްލައި ދުބާއީ، ގަލްފް އެއާ، ޤަތަރު އެއަރވޭސް އަދި ސައުދީ އެރަބިއަން އެއަރލައިންސްއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރު ދެބައި އިރު ރާއްޖެއަށް ވަނީ ޖުމްލަ 510549 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2019ވަނަ އަހަރާއި އަޅާ ބަލާއިރު 40 އިންސައްތަ ދަށް އަދަދެވެ.

މިއަަހަރު ފެށިގެން އައީ އުއްމީދީ ނަމްބަރުތަކަކާއި އެކުއެވެ. އެގޮތުން މަހެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުުރުވެރިންގެ އަދަދުތަށް ހުރީ 90000އަށްވުރެ މަތީގައެވެ. އަދި މިއަހަރުގެ މަރޗުމަހު ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިންވެސް އައިސްފައިވެއެވެ. އެހެން ނަމަވެސް މެއިމަހު ރާއްޖޭގައި ކޯވިޑް ކޭސްތަށް އިތުރުވެ، ރައްކާތެރިކަމުގެ ޙާއްސަ ފިޔަވަރުތަކެއް އަޅަން ޖެހުނެވެ. އެއާ އެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުުރުވެރިންގެ އަދަދަށްވެސް އަސަރުކުރިއެވެ. އެގޮތުން މޭ މަހު ރާއްޖެއަށް 64613 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޖޫންމަހު ރާއްޖެއަށް ޒިޔާރަތްކުރީ 56166 ފަތުރުވެރިންނެވެ.

މި އަދަދުތަކަކީ އަހަރުގެ އެހެން މަސްތަކާއި އަޅާ ބަލާއިރު ދަށް އަދަދުތަކެއް ނަމަވެސް މި ދަނޑިވަޅުގައި މި އަދަދަށް ފަތުުރުވެރިން ގެނެވުމަކީ ކާމިޔާބީއެއްކަމަށް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.