ޚަބަރު

ދެ ސަރަހައްދެއްގައި ތަޢުލީމީ ޚިދުމަތް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި


ރާއްޖޭގެ 2 ސަރަހައްދެއްގައި ތަޢުލީމީ ޚިދުމަތް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކްލަބް ހައުސް މެދުވެރިކޮށް ކުރިއަށްގެންދިޔަ އެ ޕާޓީގެ ތަޢުލީމާ ބެހޭ ސިޔާސަތުގެ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ މި ސަރަޙައްދުތަކުގައި ތަޢުލީމީ ކަންކަން ހަރުދަނާކޮށް ތަރައްޤީކުރުމަށް ބޭނުންވާ ބަޖެޓު ލިބިފައިވާކަމަށެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ތަޢުލީމީ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ނިންމާފައިވާއިރު އެތަންތަނުގައި އިންސާނީ ވަޞީލަތްތަކާއި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ އިތުރު ޕްރޮގްރާމްތައް ފެށުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގައި ސްޕޯޓްސް ފެސިލިޓީތައް ތަރައްޤީކުރުމާއި ރަސްމީ ތަޢުލީމްގެ ތެރެއަށް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމް ހިމެނުން ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި ޚިދުމަތްތަކާއެކު ދަރިވަރުންނަށް ފުރިހަމަ، ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދެވޭނެކަމަށެވެ.

"މި ތަންތަނުގައި ސްޕޯޓްސް ފެސިލިޓީސް ހުންނާނެ. ސްޓެމް ލެބަކާއި ސްކިލް ލެބެއް ހުންނާނެ. އާ ހުނަރުތަކާއި ކުޅިވަރުތައް ދަސްކޮށްދިނުމުގެ މަސައްކަތުގެ ދަށުން ޏ.އަތޮޅު ތަޢުލީމީ މަރުކަޒާއި އަފީފުއްދީން ސްކޫލްގައި ޤާއިމްކުރާ ސްޕޯޓްސް ލެބުން ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތައް ހުންނާނެ." މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑްގެ ސަބަބުން މަސައްކަތްތައް މަޑުޖެހިފައި އޮތްނަމަވެސް އުއްމީދަކީ ދިރާސީ އާ އަހަރާއެކު މި މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންދިއުންކަމަށެވެ. އަދި ދަރިވަރުންނަށް ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި 2018 ވަނަ އަހަރަގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 154 މަޝްރޫއެއް ކުރިއަށް ގެންދިއުމަށްޓަކައި ބަޖެޓުގައި ހިމަނާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެ މަޝްރޫއުތަކަށް އަހަރަކު ގާތްގަނޑަކަށް 300 މިލިޔަން ރުފިޔާ ޚަރަދުވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި މަޝްރޫއުތަކުގެ ތެރެއިން 18 މަޝްރޫއެއްގެ މަސައްކަތް ނިމިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ 53 މަޝްރޫއެއް ކުރިއަށްދާކަމަށާއި އަލަށް 89 މަޝްރޫޢެއް މިއަހަރުގެ ތެރޭގައި ފަށާނެކަމަށެވެ.

2021 ވަނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، 105 ރަށެއްގައި ތައުލީމީ ދާއިރާ އާއި ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ސްކޫލުތަކާއި، ކްލާސްރޫމްތަކާއި، ތައުލީމީ ވަސީލަތްތައް ބިނާ ކުރުމަށް ޚަރަދު ކުރުމާއި ތައުލީމީ ދާއިރާއަށް ކުރެވޭ ހޭދައިން ދަރިވަރުންނަށް ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ސަރަޙައްދީ ތަރައްޤީގެ ތަޞައްވުރުގެ ތެރެއިން، ޚާއްޞަ އިސްކަމެއްދީގެން ރާއްޖޭގެ 5 ސަރަހައްދެއްގައި ފެންވަރު ރަނގަޅު، ވަށާޖެހޭ ތަޢުލީމީ ނިޒާމަކަށް ވާޞިލްވުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.