ޚަބަރު

ފިޔަވަޅުތަކަށް ލުއި ލިބިއްޖެ، އަދިވެސް ފަރުވާތެރިވުން މުހިންމު


ކޯވިޑް-19 ކޮންޓްރޯލް ކޮންޓްރޯލް ކުރުމަށް މާލެ ސަރަޙައްދުގައި އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ބަލި ޖެހޭ މީހުންގެ އަދަދު މިވަނީ ދަށަށް ދާން ފަށާފައެވެ ޚާއްސަކޮށް މާލެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް ގޮސް ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 30އިން ދަށުގައެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް މާލެއިން ޕޮޒިޓިވްވީ 13 މީހުންނެވެ. އަޅާފައި ހުރި ފިޔަވަޅުތަކަށް ރައްޔިތުންގެ އެއްބާރުލުން ލިބިގެން ބަލި ޖެހޭ މީހުންގެ އަދަދު ދައްވުމުން މިހާރު މިވަނީ ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ލިބިފައެވެ.

ކޯވިޑް ޖެހޭ މީހުންގެ އަދަދު މިދޔަ މެއި މަހުގެ ތެރޭގައި އިންތިހާއަށް އިތުރުވުމުގެ ސަބަބުން ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ. މެއި މަހުގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު 2000 އިން މައްޗަށްވެސް އެރިއެވެ. އެއާ އެކު ބަލި ކޮންޓްރޯލް ކުުރުމަށްޓަކައި ހުއްދައަކާ ނުލާ އާއްމުންނަށް ބޭރަށް ނުނިކުމެވޭ ގޮތް ހެދިއެވެ. ކާފިއުގެ ވަގުތު އިތުރުކުރުމާއި ކެފޭ ރެސްޓޯރެންޓްތަކާއި ސެލޫންތައް ބަންދުކުރަން ފެށިއެވެ. މީގެ އިތުރަށް ސްކޫލްތައް ބަންދުކޮށް މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ނުކުރާގޮތަށް ނިންމިއެވެ. އަދި މާލެއިން ރަށްރަށަށް ދާ މީހުން 14 ދުވަހަށް ކަރަންޓީން ވާން ޖެހޭގޮތަށް ހަމަޖެއްސުމާއި ބަލި ޖެހި ރަނގަޅުވި ނަމަވެސް ރަށަށް ގޮސްވެސް ކަރަންޓީން ވާންޖެހޭ ގޮތަށް ނިންމިއެވެ. ނަމަވެސް މިހާރު އަނެއްކާވެސް މިވަނީ ކުރިން އަޅާފައި ހުރި މިފަދަ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައެވެ.

އެގޮތުން އެންމެ ފުރަތަމަ ދިން ލުއިތަކަށް ބަލާއިރު އިރުއޮއްސި 6:00އިން ފަތިހު 4:00 އަށް ކާފިއުގެ ވަގުތު ކުޑަކޮށް ވިޔަފާރި ކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވިއެވެ. އަދި ފުލުހުންގެ ހުއްދައާއެކު ޓޭކްއަވޭއާއި ވިޔަފާރި ކުރުމުގެ ވަގުތު އިތުރުކޮށްދިނެވެ. ކޯވިޑާ ގުޅިގެން އަޅާ ފިޔަވަޅުތަކަށް އިތުރަށްދިން ލުޔަކީ ޖިމްތައް ހުޅުވުމަށް ދިން ފުރުސަތެވެ. އެގޮތުން ޖިމްތައް ފަތިހު 5:00އިން އިރުއޮއްސި 6:00އާ ހަމައަށް ހުޅުވުމުގެ ހުއްދަވެސް ވަނީ ދީފައެވެ. މި ލުއިތަކުގެ އިތުރަށް އަނެއްކާވެސް މިވަނީ އިތުރު ލުއިތަކެއް ދީފައެވެ.

އެގޮތުން މިއަދުން ފެށިގެން މިވަނީ ކާފިއު ވަގުތު ރޭގަނޑު 8:00 އިން 4:00 އަށް ހަމަޖައްސާފައެވެ. އަދި ކާފިއު ގަޑި ނޫން ގަޑިތަކުގައި ހުއްދައަކާއި ނުލައި އާއްމުންނަށް ބޭރުގައި މިއަދުން ފެށިގެން އުޅެވޭނެއެވެ. މީގެއިތުރުން ކާފިއު ގަޑިތައް ނޫން ވަގުތުތަކުގައި، އާއްމުކޮށް ހުރިހާ ވިޔަފާރިތަކެއް ހުޅުވައިގެން ޚިދުމަތް ދެވޭނެއެވެ. އަދި ކެފޭ ރެސްޓޯރެންޓްތަކުން ޑައިނިންގ ޚިދުމަތްވެސްވަނީ ފަށާފައެވެ. ހަމަ އެހެންމެ މިއަދުގެ ފަތިސް ނަމާދުން ފެށިގެން މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާޢަތުގައި ނަމާދުކުރަންވެސްވަނީ ފަށާފައެވެ.

ކޯވިޑާއި ގުޅިގެން ދަތުރުފަތުރުކުރުމުގައި އަޅާފައިއޮތް ފިޔަވަޅުތަކަށްވެސް މިއަދު މިވަނީ ލުއި ލިބިފައެވެ. އެގޮތުން ކޯވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނަށް 60 ދުވަހުގެ ތެރޭގައި ކަރަންޓީންވުމަކާނުލައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެއެވެ.

ބޮޑެތި ލުއިތަކެއް ދިންނަމަވެސް ކޯވިޑް ކޯންޓްރޯލް ނުވާކަން އަދިވެސް އަޅުގަނޑުމެން ހަނދާންކުރަންޖެހެއެވެ. މީގެ ކުރިންވެސް ލުއިތައް ދިން ހިސާބުން ކޯވިޑްގެ އަދަތުތައް މައްޗަށް ދިޔަކަން ހަނދާންކުރަން ޖެހެއެވެ. މިހާރު ދީފައި ހުރި ލުއިތަކަށް ފަރުވާކުޑަކޮށްފިނަމަ އަނެއްކާވެސް ބިރުވެރިކަމެއްގެ ތެރެއަށް ހިނގައިދާނެއެވެ. އޭރުން އަނެއްކާވެސް ކޯވިޑްގައި މިހާތަނަށް ތަހައްމަލް ކުރަން ޖެހުނު ދަތި އުނދަގޫ ދުވަސްތަކާ ކުރިމަތިލާން ޖެހުމަކީ ޤަބޫލްކުރަންޖެހޭ ހަޤީގަތެކެވެ.

އެހެންކަމުން އަދިވެސް ކޮންމެހެން ނުކުނަންޖެހޭ ހާލަތެއްގައި ނޫނީ ބޭރުގައި ނޫޅުމަށާއި އިޖްތިމާޢި ގައިދުރުކަން ބަހައްޓަން އާދަކުރައްވާށެވެ. މާސްކް އަޅުއްވާށެވެ. ކުރިއަށް އޮތީ އީދުބަންދު ކަމަށް ވުމުން އެއްވުންތައް ވީހާވެސް މަދުކޮށް ބަލި ކޮންޓްރޯލް ކުރުމަށް އަދިވެސް އެއްބާރުލުން ދެއްވާށެވެ.