ޚަބަރު

ކޯވިޑް ބަލީގައި މިއަދު މީހަކު ނިޔާވެއްޖެ


ކޯވިޑް ޖެހިގެން މިއަދު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ފަތިހު 4:55 ހާއިރު ނިޔާވެފައިވަނީ ގއ.ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 81 އަހަރުގެ އަންހެނެކެވެ. ކޯވިޑް ބަލީގައި ރޭ އުމުރުން 90 އަހަރުގެ ދިވެހި އަންހެނަކުވަނީ ނިޔާވެފައެވެ.

މިއާއެކު ރާއްޖެއިން 212 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 193 ދިވެހިންނާއި، 19 ބިދޭސީންނެވެ.

ކޯވިޑް ބަލީގައި އެންމެ ގިނަ މީހުން ނިޔާވީ ނިމުނު މޭ މަހުއެވެ. މޭ މަހު 80 އަށްވުރެ ގިނަ މީހުން ރާއްޖެއިން ނިޔާވިއެވެ. އެންމެ ގިނަ ކޯވިޑް ކޭސްތައްވެސް ރިޕޯޓްކޮށްފައިވަނީ މެއިމަހުއެވެ.

އޭޕްރީލް މަހުން ފެށިގެން ރާއްޖެއަށް ކުރިމަތިވި ކޯވިޑް-19ގެ ރާޅާއެކު ބަލީގެ ނުރައްކާ ކުޑަކުރުމަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެއާއެކު މާލެއިން ރިޕޯޓުކުރާ ކޭސްތައް މަދުވިނަމަވެސް ބައެއް ރަށްރަށުގައި އަދިވެސް ބަލީގެ ނުރައްކާ ކުޑަކުރެވިފައެއް ނުވެއެވެ.

ޖުމްލަކޮށް ޕޮޒިޓިވް ކޭސްތައް މަދުވަމުން ދިއުމާއެކު ރާއްޖޭގައި މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދާއި އެޑްމިޓްކޮށްގެން ފަރުވާ ހޯދާމީހުންގެ އަދަދުވެސްވަނީ މަދުވެފައެވެ. އެގޮތުން މި ޖޫންމަސް ފެށުނު އިރު 24،000ގައި އެކްޓިވް ކޭސްތައް ހުރުމަށްފަހު މިހާރު އެއަދަދުވަނީ 3600 ގައެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާދެމުންގެންދަނީ 28 މީހުންނަށެވެ.