ޚަބަރު

ޕާކްކުރުމަށް މާލޭގެ އެކި ސަރަޙައްދުތަކުން 450 ޖާގަ ކުއްޔަށް ދެނީ


މާލޭގެ އެކި ސަރަޙައްދުތަކުން ވެހިކަލް ޕާކްކުރުމަށް 450 ޖާގަ ކުއްޔަށް ދޭން ނިންމާފައިވާކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރ ވިދާޅުވީ، ވެހިކަލް ޕާކުކުރުމަށް ކަނޑައަޅާފައިވާ ސްލޮޓްތަކަށް ކުރިމަތިލުމަށް އަންނަ ހަފްތާގެ ތެރޭގައި ހުޅުވާލާނެކަމަށެވެ.

ޕާކިންގ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މޭޔަރ ޑރ. މުޢިއްޒު ވިދާޅުވީ، ކުރީގެ ކައުންސިލުންވެސް ވަގުތީ ޕާކިންގ ސްލޮޓްތަކެއް މާލޭގެ މަގުމަތިންނާއި ބިންތަކުން ކުއްޔަށްދޫކޮށްފައިވާކަމަށެވެ. އަދި މިހާރުގެ ކައުންސިލުގެ ވިސްނުންވެސް ހުރީ މިކަމަށް ދާއިމީ ހައްލެއް ލިބެންދެން އިންޑަސްޓްރިއަލް ވިލެޖް ހިމެނޭހެން މާލޭގެ އެކި ސަރަޙައްދުތަކުން ވަގުތީ ޕާކިންގ ސްލޮޓްތަކެއް ކުއްޔަށްދޫކުރުމަށްކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ގާތްގަނޑަކަށް 450 އެއްހާ ވެހިކަލް ޕާކުކުރުމަށް ޖާގަ ކުއްޔަށް ދޫކުރުމަށް އަންނަ ހަފްތާގައި ހުޅުވާލާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

"އިންޑަސްޓްރިއަލް ވިލެޖް ހިމެނޭގޮތަށް މާލޭގެ އެކި ސަރަޙައްދުތަކުން 320 ކާރު ޕާކުކުރަން ޖާގަ އަޅުގަނޑުމެން އިޢުލާންކުރާނަން. ގާތްގަނޑަކަށް 80 ވޭން ނުވަތަ މިނީ ބަސް، ނޫނީ އެ ސައިޒުގެ 4 ފުރޮޅުލީ ވެހިކަލްތަކަށް ޖާގަ ކުއްޔަށްދޭން ހުޅުވާލާނަން. އަދި 50 ޕިކަޕް ނޫނިއްޔާ ކުދި ލޮރީ ޕާކުކުރަން ޖާގަ ކުއްޔަށްދޭން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަންނަ ހަފްތާގައި ހުޅުވާލާނަން. އެހެންވީމަ މި ސްލޮޓްތައް ހުޅުވާލީމައި ކުރިމަތިލައި އެ ސްލޮޓްތައް ކާމިޔާބުކުރުމުގެ ފުރުޞަތު ލިބިގެންދާނެ" މޭޔަރ ވިދާޅުވިއެވެ.

ވަގުތީ ޕާކިންގ ސްލޮޓްތަކެއް ކުއްޔަށް ދިނުމުގެ އިތުރުން، މާލޭގެ މަގުތުގައި ހުރި ބާވެ ހަލާކުވެފައިވާ ވެހިކަލްތައް ނެގުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި މިކަމާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު ސިޓީ ކައުންސިލުން ބައްދަލުކޮށް، މިކަން ކުރެވޭނެގޮތަކާމެދު މަޝްވަރާކޮށްފައިވާކަމަށް މުޢިއްޒު ވިދާޅުވިއެވެ. މޭޔަރ ވިދާޅުވީ ސިޓީ ކައުންސިލުން ބެލި ބެލުމުން، ބާވެ ހަލާކުވެފައިވާ 173 ވެހިކަލެއް މާލޭގެ އެކި ސަރަޙައްދުތަކުގައި ދޫކޮށްލާފައިވާކަމަށެވެ.

"އެކަމަށްޓަކާވެސް އަޅުގަނޑުމެން މިވަނީ ވަރަށް ތަފްސީލު ސަރވޭއެއްކޮށްފައި. މާލެތެރޭގައި ހުރި ބާވެފައިހުރި ވެހިކަލްތަކުގެ ޢަދަދު ދެނެގަތުމަށް. މިގޮތުން ބަލާއިރު މާލެތެރޭގައި އެބަހުރި ދޫކޮށްލެވިފައި ބާވެފައި ނޫނިއްޔާ ނަންބަރު ބޯޑު ސުން ބޯޑު އަޅުވާފައި ދޫކޮށްލާފައި ހުރި ހުރިހާ ވައްތަރެއްގެ ވެހިކަލްތައް އެއްކޮށްލައިގެން 173 ވެހިކަލްއެއް އެބަހުރި މާލެތެރެއަށް ދޫކޮށްލާފައި ނަގަންޖެހޭ. އެހެންވީމަ މި 173 ވެހިކަލް ނެގުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދާނަން އޮންނަ އުޞޫލުގެ ތެރެއިން ޤަވާއިދުގެ ތެރެއިން" މޭޔަރ ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރ ވިދާޅުވީ، މާލޭގެ ޕާކިންގގެ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވަރަށް ގިނަ ކަންކަން ހިމެނިފައިވާނެކަމަށާއި، އޭގެ ތެރޭގައި ދާއިމީކޮށް އެކަން ހައްލުކުރެވޭނެގޮތާއި، ވަގުތީގޮތުން އެކަމަށް އެޅޭނެ ފިޔަވަޅުތައް ފާހަގަކޮށްފައިވާނެކަމަށެވެ. އަދި ސިޓީ ކައުންސިލުން މަސައްކަތްކުރަމުން ދަނީ ކަމާގުޅޭ އިދާރާތަކާއި ގުޅިގެން މިކަމަށް ވީ އެންމެ އަވަސް ހައްލެއް ގެނައުމަށްކަމަށްވެސް މޭޔަރ ވިދާޅުވެފައިވެއެވެ.