ކުޅިވަރު

އަނިޔާވެ ވިމްބަލްޑަންއިން ސެރީނާ ވިލިއަމްސް ވަކިވާން ޖެހިއްޖެ


އަނިޔާގެ ސަބަބުން ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުން ސެރީނާ ވިލިއަމްސް ވަކިވާން ޖެހިއްޖެއެވެ.

އަހަރުގެ ތިންވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުން ބުރުގައި ސެރީނާ އާއި ބެލެރޫސްގެ އަލިއާ ސަންޓްރާއާއި ވާދަކުރި މެޗްގައި ސެރިނާއަށް އަނިޔާވެފައި ވަނީ މެޗްގެ 5ވަނަ ގޭމްގައެވެ. 24ވަނަ ގްރޭންޑް ސްލޭމް ކާމިޔާބުރަން ނިކުތް ސެރީނާއަށް އަނިޔާވީއިރުގައި ސެރިނާ އޮތީ 3ގެމް 1 ގޭމުން ކުރީގައެވެ. މިމެޗް ސެރިނާ ފަށާފައި ވަނީ ކަނާތުގެ ފަލަމަސް ގަނޑުގައި ޓޭޕް އަޅައިގެންނެވެ. މެޗްގެ ފަސްވަނަ ގޭމްސްގައި އަނިޔާވުމަށްފަހު ވެސް ޓޭޕްކޮށްގެން ކުޅުން ކުރިއަށް ގެންދިއުމަށް ސެރީނާ ވިލިއަމްސް މަސައްކަތް ކުރިއެވެ. ނަމަވެސް މެޗްގެ 7ވަނަ ގޭމްގައި ކޯޓު މައްޗަށް ވެއްޓުމާއި ގުޅިގެން ސެރީނާގެ ކަނާތުފައިގެ ފަލަ މަސްގަނޑަށް ލިބިފައިވާ އަނިޔާއާއި ގުޅިގެން މެޗް ދެން އިތުރަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

މެޗް ކުރިއަށް ނުގެންދެވި މުބާރާތުން ވަކިވާން ޖެހުމުން ކަރުނައިން ފުރިފައިވާ ސެރީނާ ވިލިއަމްސް ވަނީ މެޗްގައި އޭނާއަށް ސަޕޯޓްކޮށްދިން ހުރިހާ ފަރާތަކަށް ޝުކުރު އަދާކޮށްފައެވެ.

މިމެޗްގައި ސެރީނާއާއި ވާދަކުރި އަލިއާ ސަންޓްރާބުނީ މިއީ ވަރަށް ހިތާމަވެރި ދުވަހެއްކަމަށާއި މިއީ ކުޅިވަރުގައި ބައެއް ފަހަރު ކަންކަން ހިނގާގޮތް ކަމަށެވެ. މެޗް ސެރިނާއަށް ކުރިއަށް ނުގެންދެވުނަސް، ސެރީނާއަކީ ޗެންޕިއަންއެއްކަމަށް އަލިއާ ސަންޓްރާ ބުންޏެވެ.